ފީފާ ވޯލްޑްކަޕް 2026 ގަދަ 32: ނެދަލޭންޑްސް - މޮރޮކޯ

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މިރޭ ނެދަލޭންޑްސް އާއި ދެކޮޅަށް މޮރޮކޯ ނިކުންނައިރު, އެފްރިކާގެ ގައުމުތަކާއި ދެކޮޅަށް ވޯލްޑްކަޕްގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު އަށް މެޗުންވެސް ބަލިވެފައެއް ނުވެއެވެ.
ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮތް ނެދަލޭންޑްސް އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އެފް ގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ. ޖަޕާން އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް, ސްވިޑަން 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި ޓިއުނީޝިޔާ ވަނީ 3-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ކުޅެފައިވާ މޮރޮކޯ އިން މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ސީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފަ އެވެ. އަދި ސްކޮޓްލޭންޑް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު, ހެއިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ވަނީ މޮޅުވެފަ އެވެ.
އެފްރިކާގެ ޗެމްޕިއަން މޮރޮކޯ އާއި ދެކޮޅަށް ނެދަލޭންޑްސް މިރޭ ކެނެޑާގެ މޮންޓެރޭ ސްޓޭޑިއަމްގައި ނިކުންނައިރު މިއީ ފީފާ ވޯލްޑްކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މިދެ ޓީމު ވަނީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-1 ގެ ނަތީޖައަކުން ކާމިޔާބުކޮށްފައިވަނީ ނެދަލޭންޑްސް އެވެ. އެ މެޗުގައި ނެދަލޭންޑްސްގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ އެގާރައިގައި މެޗު ފެށި ރޮނަލްޑް ކޫމަން އަކީ މިހާރު ނެދަލޭންޑްސްގެ ކޯޗެވެ.
ނެދަލޭންޑްސް އާއި މޮރޮކޯ ވަނީ އޭގެ ފަހުން އެކުވެރިވެރިކަމުގެ މެޗުތަކެއްގައި ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެގޮތުން 1999 ވަނަ ކުޅުނު އެކުވެރިކަމުގެ މެޗު 2-1 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވެފައިވާއިރު, 2017 ވަނަ އަހަރު ކުޅުނު މެޗުން ނެދަލޭންޑްސް ވަނީ ހަމަ އެ ނަތީޖާއިން މޮޅުވެފަ އެވެ.
ފީފާ ވޯލްޑްކަޕްގައި މެޗެއްގެ ފުރިހަމަ ވަގުތުގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު 15 މެޗުގައިވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ނުވަތަ އިތުރު ވަގުތުގެ ކުޅުމުގައި ނެދަލޭންޑްސް ފީފާ ވޯލްޑްކަޕްގައި އެންމެ ފަހުން ބަލިވެފައިވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފައިނަލުގައި ސްޕެއިން އަތުންނެވެ. އޭގެ ފަހުން އެ ޓީމު މުބާރާތުގެ ނޮކްއައުޓް މެޗުތަކުން ބަލިވެފައިވަނީ މުޅިންވެސް ޕެނަލްޓީ ޖަހައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ