ނައުއްޓެގެ މަރު: އިސްތިއުނާފު މައްސަލަ ފަށަން ތައްޔާރުވެއްޖެ

މާފަންނު މުރަނގަ މަގުގައި ހުރި، 'ކްރާސާ' ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ. މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:28 ހާއިރު މާފަންނު މުރަނގަމަގުގައި ހުންނަ 'ކްރާސާ' ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ އެ ފިހާރަ ތެރޭގައި ހުރި، 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) އަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލި މައްސަލައެކެވެ. އޭނާ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުން 27 ފެބްރުއަރީގައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އިބްރާހީމް ފައިހް ނިޒާމު، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ އާއި، ސިރުހާން އަލީ، ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އޭޕްރީލް މަހެވެ. އެ މައްސަލަ ހައިކޯޓަށް ދައުލަތުން ހުށަހަޅާފައިވާއިރު، މައްސަލައިގެ އިސްތިއުނާފު އަންގާރަ ދުވަހު ފެށުމަށް ހައިކޯޓުގައިވަނީ މިހާރު ތާވަލުކޮށްފައެވެ. https://sun.mv/220063 ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލި މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ، ގާޒީ އިބްރާހީމް އިހުސާނެވެ. މި މައްސަލައިގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރީ ފައިހް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ