ފުލުހުންގެ އެހީއަށް ގުޅާ މީހާ ހުރިތަން ވަގުތުން ދެނެގަނެވޭނެ ސިސްޓަމެއް ގާއިމުކުރަނީ

ފުލުހުންގެ އެހީއަށް އެދި ގުޅާ ފަރާތް ހުރިތަން ވަގުތުން ދެނެގަނެވޭނެ ގޮތް ހަދައި, އެ ހިސާބުގައި ހަރުކޮށްފައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ, ފުލުހުންގެ ކުރަމުން އަންނަ މަސައްކަތަށް އިތުރަށް އެހީތެރިވުމަށާއި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް ފުލުހުންގެ ހިދުމަތަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި, އެ ޓެކްނޮލޮޖީން ރައްޔިތުންނަށް ހިދުމަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.
އެގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އެމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިން އިކުއިޕްމަންޓް ހޯދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އަންނަ އަހަރު ތެރޭގައި ޑްރޯން އޭސް ފަސްޓް ރެސްޕޮންޑާ ހިދުމަތްވެސް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.
”މި ހިދުމަތުގެ ސަަބަބުން ފުލުހުންނަށް އިންސިޑެންޓެއް ރިޕޯޓްކުރުމާއެކު ފުލުހުންގެ ޑްރޯން އެ ސަރަހައްދަކަށް ޑިޕްލޮއި ކުރެވި, ރެސްޕޮންޑްކުރާ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަަށް ތަނުގެ ހާލަތު ވީޑިއޯގެ ޒަރީއާއިން ވަގުތުން އަންގަމުންދާނެ. އެއްގަމުގައި ޓްރެފިކާއި ކަނޑުހުރަސްކޮށް ހިދުމަތް ފޯރުކޮށްދޭންޖެހޭ ހާލަތުގައި ފުލުހުން އެ ހިސާބަށް ދާން ލަސްވިޔަސް, ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެ, މިހާރަށްވުރެ ފުރިހަމައަށް އެފިޝެންޓްކޮށް ހިދުމަތް ދެވިގެންދާނެ,“ އިހުސާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ