ފަހު ވަގުތު ޖަޕާން ބަލިކޮށް ބްރެޒިލުން ގަދަ 16 އަށް

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - ނޮކައުޓް ބުރުގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި އިތުރު ވަގުތުގެ ތެރޭގައި ގޯލު ޖަހައި، 2-1 އިން ޖަޕާން ބަލިކޮށް، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ. 
ޖަޕާނުން ލީޑުނެގި މި މެޗުގައި ބްެރެޒިލް މޮޅުވީ ފަހަތުން އަރަ އެވެ. ބްރެޒިލުން ވަނީ ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ ފަހަރުތަކުގެ ތެރެއިން ދެ ފަަހަރު ފިޔަަވައި އަނެއް ހުރިހާ މުބާރާތެއްގައި ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ. 
ހިއުސްޓަން ސްޓޭޑިއަަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޗު ބްރެޒިލުން ފަށައިގެން، މަޓެއުސް ކޫންޏާ ޖެހި ޝޮޓެއް، ޖަޕާންގެ ކީޕަރު، ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފަ އެވެ. ބްރެޒިލުން އެ ފަހުން ވެސް އެޓޭކަށް ޖެހިގެން ކުޅެމުންދިޔައިރު، ޖަޕާނުން ދިޔައި ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. 
ޖަޕާނުން ވަނީ މެޗުގެ 29 ވަނަ މިިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ބްރެޒިލްގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކައީޝޫ އަސާނޯ ޖެހި ގޯލެކެވެ. އެ ބޯޅަ ހުއްޓުވަން ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. 
ދެ ވަނަ ހާފަށް ބްރެޒިލުން ނުކުތީ އެންޑްރިކް ކުޅެން އަރުވައިގެންނެވެ. އޭނާ ކުޅެން އެރީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އަނިޔާވި ލޫކަސް ޕަކޭޓާގެ ބަދަލުގަ އެވެ. 
ބްރެޒިލުން ދެ ވަނަ ހާފުގައި އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައިގެން ޖަޕާންގެ ފަހަތަށް ބާރު ބޮޑުކުރަމުންދިޔަ އެވެ. އެ ގޮތުން، ދެ ވަަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ، ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލި އެވެ. ބްރެޒިލްގެ ފުލްބެކް، ޑަނީލޯ ނެގި ހުރަހަކަށް އަރައި، ބްރޫނޯ ގިމާރޭސް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ވެސް ބްރެޒިލުން ބޯޅަ ހިފަހައްޓައިގެން މެދު ތެރޭގެ ކޮންޓްރޯލް ނަގައިގެން ކުޅެމުން ދިޔަ އެވެ. 
ޖަޕާން ޑިފެންޑަރުން ދިޔައީ ބްރެޒިލްގެ އެޓޭކް ހުއްޓުވަން ގިނަ މަސައްކަތް ކުރަމުންނެވެ. 
ފުލުފުލުގައި ބްރެޒިލުން ޖަޕާން ކޮޅަށް އެޓޭކް ކުރަމުންދިޔައިރު، މެޗުގެ 56 ވަނަ މިނިޓްގައި ބްރެޒިލުން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ، ގަބްރިއެލް މަގާޅައެސް ނެގި ހުރަހަކަށް އަރައި ކަސެމީރޯ ބޮލުން ޖެހި ގޯލެކެވެ. ކަސެމީރޯ އަކީ ބެބޭޓޯ އަށް ފަހު، ބްރެޒިލަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. 
ލަނޑު ޖަހައި އެއްވަރުކުރިތާ ދެ މިނިޓެއްހާއިރު ފަހުން ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ، ޖަޕާން ކުޅުންތެރިއަކު ކައިިރިން ނައްޓާފައި ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ސުޒޫކީ އަތުގައި ޖެހުމުގެ އިތުރުން ދަނޑީގައި ވެސް ޖެހިފަ އެވެ. ވިނީޝިއުސް އެ ބޯޅަ ފޮނުވާލިއިރު، ކީޕަރު ސުޒޫކީ ހުރީ ރަނގަޅަށް ތައްޔާރުވެ، ދުރު ކަން ނަގައިގެންނެވެ. 
މެޗުގެ 73 ވަނަ މިނިޓްގައި ބްރެޒިލްގެ ރަޔާނަށް ޖަޕާންގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ފޮނުވާލި ބޯޅަ ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން، ގަބްރިއެލް މާޓިނެލީ، މެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. 
އެކަމަކު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފަހު މިނިޓްގައި، މާޓިނެލީ، އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ޖެހި ގޯލުން ބްރެޒިލް މޮޅުވީ އެވެ. 
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން ގަދަ 16 ބުރުގައި ވާދަކުރާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކޮށްގެން މޮޅުވާ ޓީމަަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ