ވޯލްޑްކަޕް ވޯލްޑްކަޕް ފަހު ވަގުތު ޖެހި ގޯލުން ފަސް ތަރީގެ ބްރެޒިލް ގަދަ 16 އަށް

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ޖަޕާން ބަލިކޮށް، ބްރެޒިލުން ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ޖަޕާންގެ މައްޗަށް ބްރެޒިލުން ކުރި ހޯދީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުގައި ދެވަނަ ހާފުގެ ފަހުކޮޅު ޖަޕާން ފެނުނީ ނުރައްކާ ޓީމެއްގެ ގޮތުގައެވެ.
ޖަޕާނުން ވަނީ ބްރެޒިލަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން، ބްރެޒިލް ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކައިޝޫ ސަނޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ބްރެޒިލުން ނުކުތީ ވަރުގަދަ އެޓޭކުތަކަކާއެކުއެވެ. ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ބްރެޒިލުން ވަނީ މެޗުގެ ދެވަނަ ހާފު ފެށިތާ 11 މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ.
ގިނަ ބަދަލުތަކަކާއެކު ކުޅެމުންދިޔަ ބްރެޒިލުން ޖަޕާނަށް ހިތްދަތިކަން ގެނުވީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅައަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ގެބްރިއެލް މާޓިނެލީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ