ފަހު ވަގުތުގައި ޖަޕާނުގެ ހިތްކުދިކުދިކޮށް ބްރެޒިލް ގަދަ 16 އަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާން އަތުން 2-1 ން މޮޅުވެ، ބްރެޒިލް މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފި އެވެ.
"އޭޝިއާގެ ބްރެޒިލް" ގެ ގޮތުގައި ބައްރުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރާ ޖަޕާނުން ވަނީ، ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލާ ދެކޮޅަށް ވަރުގަދަ އަށް ކުޅެފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޖަޕާނުންނެވެ. އެ ޓިމުން އުފެއްދީ ވަރުގަދަ ކުއްލި ހަމަލާތަކެވެ. ލަނޑު ޖެހީ ވެސް އެފަދަ ފުރުސަތެއްގަ އެވެ. 
މެޗުގެ 29 ވަނަ މިނެޓުގައި ޖަޕާނުގެ ކައިޝޫ ސާނޯ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ބަލިކޮށްލުމަށްފަހު ލަނޑެއް ކާމިޔާބުކޮށްފައެވެ.
ޖަޕާނަށް ލީޑްގައި ހިފަހައްޓާލެވުނީ ފުރަތަމަ ހާފު ނިމެންދެނެވެ. 
ކާލޯ އަންޗެލޮޓީގެ އެޓޭކިން ސްޓައިލަށް ފައްތާފައިވާ ބްރެޒިލުގެ ހަމަލާތައް ފުލފުލުގައި ފޮނުވަމުން ދިޔަ އެވެ. އެ ޓީމުން ވަނީ 20 ހަމަލާއެއް އުފައްދައިފަ އެވެ. 
ޖަޕާނުން ލީޑު ނަގާފައިވަނިކޮށް، ބްރެޒިލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. މެޗުގެ 56 ވަނަ މިނެޓުގައި ގެބްރިއަލް މަގަލައިސް ނަގައިދިން ހުރަހަކުން، ބްރެޒިލްގެ ކާލޯސް ކަސެމީރޯ ވަނީ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.  
އޭގެ ފަހުން ވިނީޝިއުސް ޖޫނިއާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޮސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
ބްރެޒިލް މެޗުން މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ފަހު ވަގުތުގަ އެވެ.
މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެބްރިއަލް މާޓިނެލީ ވަނީ ޖަޕާނުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ބްރެޒިލަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.
ގަދަ 16 ގެ ބުރުގައި ބްރެޒިލް ކުޅޭ މެޗު އޮންނާނީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގަ އެވެ. އެ މެޗުގައި ބްރެޒިލް ދެކޮލަށް ނުކުންނާނީ އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ