އިތުރު ވަގުތުގެ ލަނޑުން މޮޅުވެ، ބްރެޒިލް ގަދަ 16 އަށް!

މެޗުގެ އިތުރު ވަގުތުގައި މާޓިލެނީ ކާމިޔާބުކުރި ލަނޑުން މޮޅުވެ، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުން ބްރެޒިލް ޖާގަ ޔަގީންކޮށްފިއެވެ.
ބްރެޒިލް ގަދަ 16 އަށް ދަތުރުކުރީ އޭޝިޔާއިން ގަދަ 32 އަށް ދަތުރުކުރި ޖަޕާން 2-1 ން ބަލިކޮށްގެންނެވެ. މެޗު ބްރެޒިލް ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ޖަޕާނުން ލަނޑު ޖަހާ ލީޑް ހޯދާފައި ވަނިކޮށް، ދެވަނަ ހާފްގައި ދެ ލަނޑު ޖަހާ ނަތީޖާ އަނބުރާލައިގެންނެވެ. މެޗުގައި ޖަޕާނަށް ލީޑް ނަގައިދިނީ ކައިޝޫ ސާނޯ އެވެ. ދެވަނަ ހާފް ފަށައިގެން 11 ވަނަ މިނިޓްގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މިޑްފީލްޑަރ ކަސެމީރޯއެވެ. އޭރިޔާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅަ މަތަކުރަން މެޗުގައި ގިނަ ބޯޅަތަކެއް މަތަކުރި ޖަޕާނު ކީޕަރު ޒިއޯން ސުޒުކީއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މެޗު އެއްވަރުވެ، ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ޖެހިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބްރެޒިލްއިން މެޗު ކާމިޔާބުކުރީ ބަދަލަކަށް ނިކުއިން މާޓިނެލީ ކާމިޔާބުކުރި ލަނޑުންނެވެ. ގިމެރޭސް ދިން ރީތި ޕާސް އޭރިޔާ ތެރޭގައިހުރެ މާޓިނެލީ ފޮނުވާލިއިރު ހުރީ ވަރަށް ބޮޑަށް ދޫކޮށްލާފައެވެ.
ގަދަ 16 ޓީމްގެ ބުރުގައި ބްރެޒިލް ވާދަކުރަން ޖެހޭނީ ނޯވޭއާއި އައިވަރީ ކޯސްޓް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ