އެލްނީނޯ އުފެދި ކަނޑު ހޫނުވުން: ރާއްޖޭގެ މޫސުމަށް ކުރާ އަސަރުތައް ބަލަނީ

ގުދުރަތީ ހާދިސާއެއް ކަމަށްވާ އެލްނީނޯ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުފެދިފައިވުމުން، އޭގެ ސަބަބުން ރާއްޖޭގެ މޫސުމަށް ކުރާ އަސަރުތައް ބަލަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ. އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ. އެއީ ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގައި ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަށް ވެސް ދެމިގެންދެއެވެ. މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި ދިރޭ ތަކެތީގެ ނިޒާމަށައި އިގުތިސާދަށް ބޮޑެތި އަސަރުތައް ކުރެއެވެ. އަދި އެލްނީނޯ މިހާރު ވަނީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުފެދިފައެވެ. އެއާއެކު، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައިކަން އެ އިދާރާއިން ފާހަގަކުރިއެވެ. https://x.com/MetMaldives/status/2071471709031715092 މެޓް އޮފީހުން ބުނި ގޮތުގައި، އެލްނީނޯ ކުރިމަތިވާ އަހަރުތަކުގައި، ރާއްޖެއަށް ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވެއެވެ. ކޮންމެ އެލްނީނޯ އަހަރެއްގައި ވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެކަން އެ އިދާރާއިން ފާހަގަކުރިއެވެ. އެ އޮފީހުން ވަނީ، އެލްނީނޯގެ ސަބަބުން އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. https://sun.mv/222670 އެލްނީނޯގެ ސަބަބުން ވާރޭވެހޭ މިންވަރަށް ބަދަލު އަތުވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނިއިރު، މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. ވަކިން ޚާއްސަކޮށް، މި ހިނގާ ޖޫން މަހާއި ޖުލައި މަހަކީ އަބަދުވެސް ވަރަށް ވިއްސާރަކުރާ ދުވަސްވަރެކެވެ. މެޓް އޮފީހުން މީގެ ކުރިން ވަނީ، މި ޖޫން މަހު ވާރޭ ވެހޭ މިންވަރު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ނަމަވެސް، ޖުލައި މަހުގައި، ޕީކް ސީޒަން ފެށުމާ އެއްކޮށް ވާރޭ ވެހުން އިތުރުވާނެ ކަމަށް އަންދާޒާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ