2100 އަށްވުރެ ގިނަ މީހުން ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފި: ރައީސް
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން އެ ހިދުމަތާ ގުޅި، އޭގެ ތެރެއިން 2،159 މީހަކު ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ހިދުމަތްތައް މި މަހުގެ 15 ވަނަ ދުވަހު ތައާރަފުކޮށްފައިވަނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު، 'އެމް-ފައިސާ' މެދުވެރިކޮށެވެ. https://sun.mv/223667 ރައީސް ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް 3،280 މީހަކު ޕޭޕަލްއާ ލިންކުކޮށްފައިވާއިރު، މިއީ މީގެ ކުރިން ކާމިޔާބުނުވެ އޮތް ކަމެއް ހާސިލުވުން ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. ޕޭޕަލްގެ ހިދުމަތާއެކު ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކުމުގެ މަގުފަހިވެ، އޭގެ ފައިސާ ލިބިގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. https://sun.mv/223748 "ކުރީގަ އެއްގޮތަކަށް ވެސް ހާސިލުނުވެ އޮތް ކަމެއް ހާސިލުވެގެންދިޔަ ދިއުން އެއީ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ކަމެއް،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް ފައިސާ ދެއްކުމާއި، އެމް-ފައިސާ މެދުވެރިކޮށް 'ގްލޯބަލް ޓު ލޯކަލް' ޓްރާންސެކްޝަންތައް އެއްވެސް ދައްޗަކާ ނުލައި ކުރިއަށް ގެންދެވޭނެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ޕޭޕަލްގެ ހުރިހާ ފީޗާސްތަކެއް އަދިވެސް ލިބެން ނެތުމާއި، ޕްލޭ ސްޓޯރުން އެޕްލިކޭޝަން ނުފެންނަ ކަމުގެ ޝަކުވާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މި ހިދުމަތުގެ ތެރެއިން ހާސިލުކުރެވޭނެ އިތުރު ކަންކަން އަދި އެބަހުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. https://sun.mv/223394 ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. ޕޭޕަލް އާއި އުރީދޫ އެމް-ފައިސާ އެކައުންޓާ ދެމެދު މިހާރު ފަސޭހަކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ