ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް، ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ ކެޕޭސިޓީ 17 އިންސައްތަ އިތުރުކޮށް، ޚާއްޞަ އިތުރު ފްލައިޓްތަކެއް ޝެޑިއުލްގައި ހިމަނައިފިއެވެ.
މޯލްޑިވިއަން އިން ހާމަކުރިގޮތުގައި، މި އަހަރުގެ ޖުލައި 10 އިން އޯގަސްޓް 4 ގެ ނިޔަލަށް 320 އަށްވުރެ ގިނަ ފްލައިޓް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ، މި މުއްދަތުގައި ކުރާ ކޮންމެ ހަ ފްލައިޓަކުން އެއް ފްލައިޓަކީ އަލަށް އިތުރުކުރެވުނު ފްލައިޓެއްގެ ގޮތުގައި ހިމެނޭ އަދަދެކެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި މުޅިއެކު 2,000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި 110,000 އަށްވުރެ ގިނަ ސީޓު ހިމެނެއެވެ. ޝެޑިއުލަށް އަލަށް އިތުރުކުރެވުނު ފްލައިޓްތަކުން އެކަނިވެސް 18,000 އަށްވުރެ ގިނަ ސީޓު އިތުރުވެގެންދާނެއެވެ.
މޯލްޑިވިއަންއިން ވަނީ، ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ހޯދައިދިނުމުގެގޮތުން، ޑިމާންޑް އެންމެ ބޮޑު ރޫޓުތައް ކަމަށްވާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކުގައި މޯލްޑިވިއަންގެ އެއާބަސް A320 މަރުކާގެ ބޮޑު ބޯޓު ބޭނުންކުރުމަށްވެސް ނިންމާފައެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކާ މީހުން ގުޅުވައިދިނުމުގައި އެތެރޭގެ އުދުހުންތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި މި ބަދަލާއެކު، ޗުއްޓީ ދުވަސްވަރު ދަތުރުވެރިންގެ ފަރާތުން ފެންނަ ބޮޑު ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށެވެ.
"ސްކޫލް ބަންދު ދުވަސްވަރަކީ އާންމުކޮށް ދަތުރުފަތުރުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރަކަށްވާތީ، މި އިތުރުކުރެވޭ ފްލައިޓްތަކުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަމާއި ފަސޭހައިން ޖާގަ ލިބުމުގެ ފުރުސަތު ފަހިވެ، ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ،" އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޯލްޑިވިއަންގެ ދަތުރުތަކަށް 365 ދުވަސް ކުރިން ފެށިގެން ބުކިންގ ހެއްދުމާއި ޓިކެޓް ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވާތީ، ދަތުރުވެރިންނަށް ދުރާލާ ދަތުރުތައް ރޭވުމަށް ފަސޭހަވާނެކަމަށްވެސް އިޔާސް ވިދާޅުވިއެވެ. ހަމައެއާއެކު، އިޔާސް ވިދާޅުވީ ސްކޫލް ބަންދު ފަދަ ދަތުރުފަތުރު ގިނަވާ ދުވަސްވަރު، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ލުއިފަސޭހަކަން އިތުރުކުރުމުގެގޮތުން ނެޓްވޯކްގެ އެކި މަންޒިލްތަކަށް އިތުރު ފްލައިޓްތައް އޮޕަރޭޓް ކުރަމުންދާނެ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ