ރާއްޖޭގެ 58 ވަނަ މިނިވަންދުވަސް ފާހަގަކުރަމުން އަންނައިރު މުޅި ރާއްޖެއިން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ޝުއޫރުތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ހަފްލާގައި، އޯޑިއޯ މެސެޖެއް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންގެ ފަހުރުވެރި މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވިއެވެ.
ގާސިމް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީ އިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ގާސިމްވަނީ ދިވެހިންނަށް މިނިވަންކަން ހޯއްދަވާދެއްވި އޭރު ރާއްޖޭގެ ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނެވި ޞާޙިބުއްދައުލާ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަށް ޝުކުރު އަދާކުރައްވައި އެމަނިކުފާނުގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން އެދިވަޑައިގެން އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފައެވެ.
އަދި މިމަސައްކަތުގައި ރައީސް އިބްރާހީމް ނާޞިރުގެ ފަހަތްޕުޅުން އެކިގޮތްގޮތުން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ މިންވަރު ކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނުވަނީ ދުއާ ދަންނަވާފައެވެ.
ގާސިމްވަނީ ރައީސް ނާސިރުގެ ވެރިކަމުގެ ދުވަސްތަކުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ގާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ މިގައުމު މިނިވަންކަންމަތީ ތާއަބަދު ލެހެއްޓެވުން އެދި ދުއާ ދަންނަވަމުންނެވެ.
އަދި މިނިވަންކަން ހޯއްދަވާދެއްވަން ކާބައިންކުރެއްވި މަސައްކަތްތަކަށް އެމަނިކުފާނުވަނީ ތަކުރާރުކޮށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ހުރިހާ ދިމާއަކުން އިވެމުންދަނީ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ވާހަކަތައް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ