ދުވާ ޓްރެކުގައި އޮތް ދަބަހަކުން އެއާޕޮޑެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ވަގަށް ގެންދިޔަ އެއާޕޮޑެއް ހޯދައި، ވައްކަން ކުރި މީހާ ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފިއެވެ. ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ބުނެފައި ވަނީ، އެ މީހާ ހައްޔަރުކުރީ ދުވާ ޓްރެކުގައި ބަހައްޓާފައި ހުރި ދަބަހެއްގެ ތެރޭ އޮތް އެއާޕޮޑެއް ވަގަށް ނަގައިފައި ވަނިކޮށް، އެ އެއާޕޮޑުގެ ލޮކޭޝަން ހޯދައިގެންނެވެ. އަމުރުގައިވާ ގޮތުން، އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މީހެކެވެ. މި މައްސަލަ ބެއްލެވި ގާޟީ އިބްރާހީމް ޒިހުނީ އަމުރުކުރެއްވީ ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް 5،667 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން މިއަހަރު ފުލުހަށް ހުށަހެޅީ ވައްކަމުގެ މައްސަލައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1،630 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ