ޕެރަގުއޭގެ އަލްމިރޯން އަށް ތާރީޚީ ރަތް ކާޑެއް!

ޕެރަގުއޭގެ މިޑްފީލްޑަރ މިގުއެލް އަލްމިރޯއަށް ފީފާ ވަރލްޑްކަޕްގެ ކުރިއަށް އޮތް ތާރީޚަށްވެސް ދެމިގެންދާނެ ތާރީޚީ ރަތްކާޑެއް ދައްކައިފިއެވެ.
ގްރޫޕް ސްޓޭޖްގައި މިއަދު ތުރުކިޔޭއާ ދެކޮޅަށް ކުޅުނު މެޗުގައި އަލްމިރޯންއަށް ރަތްކާޑް ދެއްކީ އިދިކޮޅު ޓީމްގެ ކުޅުންތެރިއަކާ ވާހަކަ ދެއްކިއިރު އަނގަމަތީގައި އަތްއަޅާ ނިވާކޮށްގެން ހުރުމުންނެވެ. މިއީ މިމުބާރާތުގެ ކުރިން ފީފާއިން އެކުލަވާލާ ތަންފީޒު ކުރަން ފެށި އާގަވާއިދުގެ ދަށުން ސީދާ ރަތްކާޑެއް ދައްކާނެ އަމަލެކެވެ. މެޗުގެ ރެފްރީ އެލް ސެލްވަޑޯގެ ރެފްރީ އިވާން ބާޓަން ރަތްކާޑް ދެއްކީ ވީއޭއާރުން ބެލުމަށްފަހުއެވެ.
އަލްމިރޯން އަނގަމަތީގައި އަތްއަޅާ ނިވާކޮށްގެން ވާހަކަދެއްކީ ތުރުކިއޭގެ މާޓް މަލްޑައ އާއެވެ. އެކަން ކައިރީގައި ހުރި ރެފްރީގެ ސަމާލުކަމަށް ގެނައީވެސް ތުރުކީ ކުޅުންތެރިޔާއެވެ. ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އާގަވާއިދުގެ ދަށުން އެއަމަލަށް ފުރަތަމަ ރަތްކާޑް ދައްކާ ނިއުކާސަލްގެ ކުރީގެ ވިންގަރ ދަނޑުން ފޮނުވާލާފައެވެ. 32 އަހަރުގެ ފޯވާޑް ދަނޑުން ފޮނުވާލީ ފުރަތަމަ ހާފް ނިމުމުގެ ކުރިންނެވެ. އޭރުވެސް ޕެރަގުއޭ އޮތީ 1-0 ން ކުރީގައެވެ.
ފުޓްބޯޅައިގެ މި އާގަވާއިދު ތަންފީޒު ކުރާ ފުރަތަމަ މުބާރަތަކީވެސް މިއީއެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުރަވަނީ އަލްމިރޯން އާގަވާއިދަށް އަހުލުވެރިވެފައި ނެތީ ކަމަށެވެ. އެހެން ނޫންނަމަ އެފަދަ ކާޑެއް ނުހޯދާނެކަމަށް ބީބީސީގައި ވާހަކަދައްކަމުން އަޔަލެންޑްގެ ކުރީގެ ފޯވާޑް ކްލިންޓަން މޮރިސަން ބުނެފައިވެއެވެ. އަނގަމަތީގައި އަތް އަޅައިގެން ނުވަތަ ނިވާކޮށްގެން އަމިއްލަ ޓީމްގެ ކުޅުންތެރިއަކާ ވާހަކަ ދެއްކި ނަމަވެސް ކާޑެއް ނުދައްކާނެއެވެ.
ރަތްކާޑް ދެއްކީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. އެހެންކަމުން އެއް ހާފް އެއްކޮށް ޕެރަގުއޭ ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެހެންނަމަވެސް އެނަތީޖާ އަނބުރާ ނުލެވި ތުރުކިޔޭ ވަނީ މުބާރާތުން ކަޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ