އާމްދަނީއާއި ޚަރަދުގެ ސަރވޭ ރަށްތަކުގައި ފަށަނީ

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ މި ހަފުތާގައި އައްޑޫ ސިޓީ ހިމެނޭހެން ތިން އަތޮޅެއްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ، ކޮންމެ 5 ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ ސަރވޭއެކެވެ. އެންމެ ފަހުން މި ސަރވޭ ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރުގައެވެ. މުޅި ރާއްޖެ ހިމެނޭހެން ކުރިޔަށްގެންދާ މި ސަރވޭ މިއަހަރު ފަށާފައިވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މި ސަރވޭއަށް މަޢުލޫމާތު އެއްކުރުމުގެ ދެ ބުރެއް މިހާތަނަށް މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަތޮޅުތަކުގައި ސަރވޭގެ މަސައްކަތް ފެށީ މިދިޔަ މަހުއެވެ. އެގޮތުން، މިހާތަނަށް ކ އަދި މ އަތޮޅުން ހޮވާލެވުނު ރަށްތަކުގައި ވަނީ ސަރވޭގެ މަސައްކަތް ނިންމާފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން މިހާރު މިވަނީ ސަރވޭގެ މަސައްކަތް އައްޑޫ ސިޓީ، ލ.އަތޮޅު އަދި ނ.އަތޮގައި ފަށަން ތައްޔާރުވެފައެވެ. މި އަތޮޅުތަކުން ހޮވާލެވުނު ރަށްތަކުގައި މިމަހުގެ 28ގެ ނިޔަލަށް ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ސަރވޭގެ މަޤުޞަދު:
* ގޭބިސީގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުން
* ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުން
* ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ (ސީ.ޕީ.އައި)ގެ ބުރަދަން އިޞްލާޙުކުރުން
* ގޭބިސީގެ އެވްރެޖު އާމްދަނީއާއި ޚަރަދުތައް ބެހިފައިވާގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން
މި ސަރވޭގައި ގޭބިސީތަކުން ހަފްތާއަކު ކުރާ ޚަރަދާއި 3 މަސް، 6 މަސް އަދި 12 މަހުން ކުރާ އެކިއެކި ޚަރަދުތަކުގެ މަޢުލޫމާތު ނަގާނެއެވެ. އެގޮތުން، ގޭބިސީގެ އާއްމު މަޢުލޫމާތާއި ވަކިވަކި ފަރުދުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ފެންވަރާއި ހަރުމުދަލާގުޅޭ މަޢުލޫމާތާއި ވަޒީފާއާއި އާމްދަނީއާގުޅޭ މަޢުލޫމާތު އެއްކުރާނެއެވެ. އަދި ދިރިއުޅުމުގެ ތަފާތު ޚަރަދުތަކާއި ބޭސް ފަރުވާއާއި ދަތުރުފަތުރަށް ކުރާ ހޭދައިގެ މަޢުލޫމާތުވެސް އެއްކުރާނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާގޮތުގައި، މި ސަރވޭގައި މާލެއާއި ސިޓީތަކުން 2085 ގޭބިސީއާއި އަތޮޅުތަކުގައި 2010 ގޭބިސީއާއެކު، ޖުމްލަ 4095 ގޭބިސީއެއްގެ މަޢުލޫމާތު އެއްކުރާނެއެވެ. އެހެންކަމުން، ސަރވޭއަށް އޮފިޝަލުން ދާ ވަގުތުތަކުގައި ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ އެދިފައެވެ.
މީގެއިތުރުން، މި ސަރވޭގައި އެއްކުރާ ގޭބިސީ އަދި ވަކިވަކި ފަރުދުންގެ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމަށާއި މި މަޢުލޫމާތު ނަގާނީ ތަމްރީނުކުރެވި، އެކަމުގެ ހުއްދަ ލިބިފައިވާ އޮފިޝަލުން ކަމަށް އެ ބިއުރޯއިން ވަނީ ބުނެފައެވެ. ހަމައެއާއެކު، މި ސަރވޭގެ ހޯދުންތައް ރިވިއުކޮށް، އެކަމުގެ ހޯދުންތަކުގެ ރިޕޯޓު ހާމަކުރާނެކަމަށްވެސް ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ