ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - އަށާވީސް އަހަރަށް ފަހު ފީފާ ވޯލްޑް ކަޕެއްގައި ވާދަކުރާ ނޯވޭ ޓީމުގެ އެޓޭކް ލީޑުކުރަމުން އަންނަ ތަރި، އާލިން ބްރައުޓް ހާލަންޑްގެ ޖޯޒީގެ ނަން އޭނާގެ މަންމަ އަށް ހާއްސަކޮށް ގުޅުވާލައިފި އެވެ.
މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް، އާންމު ގޮތެއްގައި ޖޯޒީގައި ބޭނުންކުރާ ނަމަކީ، އާލިން ހާލަންޑް އެވެ. ނޫނީ، ހަމައެކަނި ހާލަންޑް އެވެ. އެކަމަކު، ނޯވޭގައި އޭނާ އާންމު ގޮތެއްގައި ބޭނުންކުރާ ޖޯޒީގައި ޖަހާފައިވަނީ، "ބްރައުޓް ހާލަންޑް" އެވެ.
ނޯވޭގެ ނޫހަކަށް ހާލަންޑް ދިން އިންޓަވިއުއެއްގައި ވަނީ، އޭނާ ގައުމީ ޓީމުގައި އެ ނަން ބޭނުންކުރާ ސަބަބު ބުނެދީފަ އެވެ. އެ ގޮތުން، ހާލަންޑް ބޮޑަށް ގިނަ ބަޔަކަށް ކުޅިވަރުގައި އެނގެނީ، އޭނާގެ ބައްޕަ، މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ، އަލްފީ ހާލަންޑްގެ ނަމާ ގުޅުވައިގެންނެވެ. އެކަމަކު، ހާލަންޑް ބޭނުންވަނީ، އޭނާގެ ނަމުގައި ވެސް ހިމެނޭ މަންމަގެ އާއިލާއާ ގުޅުވައިގެން، ގައުމީ ޓީމުގައި އޭނާ ގިނަ ބަޔަކަށް ފާހަގަަވުމަށެވެ.
އެ ގޮތުން، ހާލަންަޑް، "ބްރައުޓް" ގެ ނަން ޖޯޒީގައި ހިމަނާފައިވަނީ، އޭނާގެ މަންމަ، ގްރީ މާރިއާ ބްރައުޓްއާ ގުޅުވައިގެންނެވެ. ގްރީ އަކީ ވެސް ގައުމީ ލެވަލްގައި ނޯވޭ ތަމްސީލްކޮށްފައިވާ އެތުލީޓެކެވެ. އެ ގޮތުން، އޭނާ ވަނީ ނޯވޭގެ އެންމެ މަތީ ފަންތީގައި، ހެޕްޓަތުލޯން އިވެންޓުތަކުގައި ފެނިގެން ގޮސްފަ އެވެ. ހާލަންޑް، "ބްރައުޓް"ގެ ނަން ގައުމީ ޓީމުގައި ބޭނުންކުރަނީ، މަންމަ އަށް ވެސް ކުޅިވަރުގައި ސަމާލުކަން ދިނުމުގެ އިތުރުން އިހުތިރާމް އަދާކުރުމަށެވެ.
އެހެންކަމުން، ހާލަންޑްގެ ޖޯޒީގައި، "ބްރައުޓް ހާލަންޑް" އިނުމަކީ، މަންމަ އާއި ބައްޕަގެ އާއިލާގެ ވެސް ލެގަސީ ދިރުވުން ކަމުގައި ހާލަންޑް ދެކެ އެވެ.
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފަހުން، މިއީ، ނޯވޭ އިން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ނޯވޭ އިން ކުޅުނު ފުރަތަމަ މެޗުން 3-1 އިން ވަނީ އިރާގު އަތުން މޮޅުވެފަ އެވެ. އިރާގު ކޮޅަށް ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ނޯވޭ އިން ކުޅޭ ދެ ވަނަ މެޗުގައި، ހޯމަ ދުވަހު ބައްދަލުކުރާނީ ސެެނެގާލްއާ އެވެ. ސެނެގާލް ވަނީ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވެފަ އެވެ.
ހާލަންޑްގެ ވޯލްޑް ކަޕްގެ ޖޯޒީގެ ނަން މަންމައާ ގުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ