ކިލޯއަކަށްވުރެ ގިނަ އަދަދެއްގެ ޑުރަގު އެތެރެކޮށް، ވިއްކުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
ކިލޯއަކަށްވުރެ ގިނަ އަަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް, އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، އުމުރުން 25 އަހަރުގެ ފައުޒާން އަޙްމަދު ޙުސައިން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުންގެ އިތުރުން ކަސްޓަމްސްއިން ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މަސްތުވާތަކެތީ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް، އޭގެ ބާވަތާއި ބަރުދަނަށް ބަލައި މަރުގެ އަދަބު ދެވޭ ގޮތް ގާނޫނުގައި ހަދާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ