އަންނަ އަހަރު އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުންވެސް ފެމިލީ މީޑީއޭޝަންގެ ޚިދުމަތް ލިބިގެންދާނެކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ، އަތޮޅުތަކުން މި ޚިދުމަތް ލިބިގެންދިޔުމަކީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ލިބޭ މުހިއްމު ފުރުޞަތެއްކަމަށެވެ.
ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާއި ގުޅެގޮތުން ކުރި ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިފާރު ޢަބްދުލްޣަނީ މުޙައްމަދުވަނީ ރާއްޖޭގެ ކޯޓުތަކަށް ހުށައެޅޭ ޢާއިލީ މައްސަލަތަކާއި ވަރީގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ، މިދިޔަ އަހަރު ފެމިލީ ކޯޓުގައި 5102 ކައިވެނިކޮށްދީފައިވާއިރު 3498 ވަރިކޮށްދީފައިވާކަމަށެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ މުޖުތަމަޢުގައި ޢައިލީ މައްސަލަތަކުގެ ޙައްސާސްކަން ބޮޑުކަމާއި އޭގެ ނާޒުކުކަން އިތުރުވެފައިވާ މިންވަރު 2025 ވަނަ އަހަރު ބޭއްވި "ފަނޑިޔާރުންގެ މަހާސިންތާ"ގައި ފެމިލީ ކޯޓުގެ އިތުރުން އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް ޢައިލީ މައްސަލަތަކަށް އެންމެ އެދެވޭ ޙައްލު ހޯދުމަށް މީޑިއޭޝަން މަސައްކަތް ފެށުމަށް ނިންމިކަމަށެވެ. އަދި މިއާއެކު މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް ފެށިގެންދިޔުން މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.
"މިއަދު މިފަށާ ޕްރޮގްރާމަށްފަހު މީޑިއޭޓަރުން ތަމްރީންކުރުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންގޮސް މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް މާލޭގައި ހުންނަ ފެމިލީ ކޯޓެކޭ އެއްފަދައިން ފެމިލީ ކޯޓެކޭ އެއްފަދައިން ޕެމިލީ މީޑީއޭޝަންގެ ޚިދުމަތް ފެށުމުގެ ދަތުރުފެށޭނެ. މިއީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެއް." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ރޫޅިގެންދާ ކޮންމެ ކައިވެންޏަކާއެކު އުފަންވާ އެތައް އިޖުތިމާޢީ މައްސަލަތަކެއް ހުންނަކަމަށެވެ. ކޯޓު މަރުޙަލާގައި ދެމީހުން މަސައްކަތްކުރަނީ އެކަކު އަނެކަކަށް މޮޅުވާންނަމަވެސް، މީޑިއޭޝަން މަރުޙަލާގައި ކުދިންނަށް އެންމެ ރަނގަޅުގޮތް ނިންމުމަށް މަޝްވަރާގެ އުސޫލުން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. މީޑިއޭޝަން މަރުޙަލާގައި އަލުން ގުޅުންތައް އިޔާދަކުރުމަށް ފުރުސަތު ލިބި ކައިވެނި ނިމުނު ނަމަވެސް، އިޙްތިރާމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމުގެ ފުރުސަތުން ދަރިންނަށްޓަކައި އޮންނަންޖެހޭކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމްގެ ތެރެއިން އެންމެ ފުރަތަމަ ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި އެ ޓްރެއިނަރުން މެދުވެރިކޮށް މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް އަންނަ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.
އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުންވެސް ފެމިލީ މީޑީއޭޝަންގެ ޚިދުމަތް ދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ