އިސްރާއީލާއި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ހެދި އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އީރާނުން އަނެއްކާވެސް ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފިއެވެ. އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ)ގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ހެދި އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބުނާނަށް ހަމަލާ ދެމުން އަންނަ ކަމަށެވެ. އަދި އެމެރިކާއިން އެ ހަމަލާތައް ހުއްޓުވައިފައި ނުވުމުން، ދެ ގައުމުން ވެސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. އެމެރިކާއާއި މެދުއިރުމަތީގެ އޮފިޝަލުން އިއްޔެ ވަނީ، 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ގައުމުން އަމަލުކުރަން ފަށައިފައިވާ ކަމަށް އިއުލާންކޮށްފައެވެ. އެ އެއްބަސްވުމުގައި ހިމެނުނު މުހިންމު ޝަރުތުތަކުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި ވަގުތުން ހުޅުވުމާއި އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލުން ހިމެނެއެވެ. ހުރުމުޒު ކަނޑުއޮޅި -- ފޮޓޯ/ ރޮއިޓާސް އެ އެއްބަސްވުމާއެކު އީރާނުން ހުރުމުޒު ހުޅުވިއެވެ. ނަމަވެސް އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މާ ގިނައިރެއް ނުވެ އިސްރާއީލުން ލުބުނާނަށް ވައިގެ ހަމަލާތަކެއް ދިނެވެ. ލުބުނާނުގެ ސިވިލް ޑިފެންސް އޭޖެންސީން މިއަދު ބުނި ގޮތުގައި އެ ހަމަލާތަކުގައި 16 މީހުން މަރުވެ، 12 މީހަކަށް ވަނީ އަނިޔާވެފައެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އެ ގައުމުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް ބުނެފައެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް ބަޔަކު ކަނޑުއޮޅިއާ ގާތަށް ނުދިޔުމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. އެ މައްސަލަ ދިމާވެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް ހަދަން އެމެރިކާއާއި އީރާނުން ސްވިޒަލެންޑުގައި ބައްދަލުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އެއާއެކު އީރާނުން މަޝްވަރާތަކުގައި ބައިވެރިނުވެދާނެ ކަމުގެ ކަންބޮޑުވުން އުފެދުނު ނަމަވެސް، ބައެއް ރިޕޯޓުތަކުގައި ވަނީ އީރާނުން ޑެލިގޭޝަނެއް ފޮނުވާނެ ކަމަށް ބުނެފައެވެ. ހުރުމުޒު ކަނޑުއޮޅަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ އުފުލުމަށް މުހިންމު ސަރަހައްދެކެވެ. އެގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)ގެ ގިނަ ޝިޕްމެންޓުތަކާއި 20 ޕަސެންޓް ޕެޓްރޯލިއަމް ކޮންމެ ދުވަހަކު ވެސް އުފުލަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ. އެމެރިކާއިން ފެބްރުވަރީ 28ގައި އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ފެށި ހަނގުރާމައިގެ ސަބަބުން އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ