ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި

ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ.
ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފުތިތާހުކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
ބަނދަރު ތަރައްޤީކުރުމުގެ ދަށުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަސްކަރީ ތަމްރީނުތަކަށް ޚާއްޞަކޮށްގެން މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގާއިމުކުރާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، ގިރިފުށި ވެގެންދާނީ ހުރިހާ ވަސީލަތްތަކަކާއެކު ގާއިމުކުރެވޭ ޒަމާނީ ތަމްރީން މަރުކަޒަކަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒަށް ވެސް ވެގެންދާނެއެވެ. މިތަނުގައި އޮފިސަރ ޓްރެއިނިންގ ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަޞީލަތްތަކާއި އެކޮމޮޑޭޝަން ފެސިލިޓީތައް ގާއިމުކުރާނެއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ