ސިފައިންގެ ތަމްރީނު މަރުކަޒު ހުންނަ ކ. ގިރިފުށީގެ ބިން ހިއްކުމާއި، އެ ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފި އެވެ.
ގިރިފުށި ޓްރޭނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މި މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް އިތުރު 13.3 ހެކްޓަރުގެ ބިން ހިއްކައި އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއާއެކު، ތަމްރީނުތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ބޮޑުތަނުން އިތުރުވެ، ރަށުގެ އައްސޭރިފަށުގެ ހިމާޔަތަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރު ތޮށި ޖެހުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ.
އަސްކަރީ ތަމްރީނުތަކަށް ހާއްސަކޮށް، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް ގާއިމުކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
މި މަޝްރޫޢުގެ ސަބަބުން ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފުޅާވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
އެ ތަނުގައި އޮފިސަރ ޓްރެއިނިން ވިންގާއި، އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި، ދަރިވަރުންނާއި މުދައްރިބުންގެ އެކޮމޮޑޭޝަން އަދި ސަޕޯޓް ނިޒާމުތައް ވެސް ތަރައްގީކުރާނެ އެވެ.
ސިފައިންގެ ތަމްރީނު މަރުކަޒު ހިންގާ ގިރިފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ