ގިރިިފުށީގެ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓްރޭނިން ސެންޓަރު ހިންގާ ރަށް ކ.ގިރިފުށީގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއެއް  މިއަދު ފަށައިފި އެވެ. 
ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. 
އެމްއެންޑީއެފުން ބުނި ގޮތުގައި އެ މަޝްރޫއަކީ ސިފައިންގެ ގާބިލުކަން އިތުރުކުރަން ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް އެކަށައެޅުއްވި އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.
އެއީ އެމްއެންޑީއެފަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރުކޮށްދެއްވަން ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފެށި އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގިރިފުށީގައި މިހާރު އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރާނެ އެވެ.
"...މިއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ބޮޑުތަނުން އިތުރުވެގެންދާނެ އެވެ. އަދި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުން ހިމެނެ އެވެ. ހަމައެއާއެކު މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި. އެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުަރަން އޮތީ ޕްލޭންކޮށްފަ އެވެ.
މަޝްރޫއު ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސާއި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހީމާއި ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ އިސް ވެރިންނާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފް ނަސްރުﷲ ވަސީމާއި ސިފައިންގެ އޮފިސަރުންނާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު، އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ