ފަސޭހަކަމާއެކު ސްވިޑެން ބަލިކޮށް ނެދަލެންޑްސް ގްރޫޕްގެ އެއްވަނައަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުގައި ސްވިޑެންގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައި، ނެދަލެންޑްސްއިން ގްރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ބްރަޔަން ބްރޮބީ ވަނީ މެޗުގެ 4 ވަނަ މިނެޓާއި 16 ވަނަ މިނެޓުގައި ލަނޑު ޖަހައި، އެ ޓީމަށް މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިދީފައެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ކޯޑީ ގަކްޕޯ ވަނީ 47 ވަނަ މިނެޓާއި 54 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. ސްވިޑެންގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންތަނީ އެލަންގާއެވެ. އޭގެ ފަހުން މެޗުގެ 89 ވަނަ މިނެޓުގައި ނެދަލޭންޑްއަށް ލަނޑުޖަހައިދީ 5-1 އަށް ނަތީޖާ ބަދަލުކޮށްދިނީ ސަމަރ ވިލްއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސް ބައްދަލުކުރާނީ ޓިއުނީޝިއާއާއެވެ. އެ މެޗުން އެއްވަރުކޮށްލައިގެންވެސް ނެދަލެންޑްސްއަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ސްވިޑެންއަށް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ފަހު މެޗުގައި ޖަޕާން އަތުން މޮޅުވުން މަޖުބޫރުވާނެއެވެ. އެ މެޗު އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ