ފަސް ލަނޑުގެ މޮޅަކުން ނެދަލެންޑްސް ފެންވަރު ދައްކާލައިފި

ފަސް ލަނޑުގެ މޮޅަކުން ސްވިޑެން ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ތަށި ހޯދޭނެ ފެންވަރު ހުރިކަން ނެދަލެންޑްސްއިން ދައްކާލައިފިއެވެ. ގްރޫޕް އެފްގެ މެޗު ނެދަލެންޑްސް ކާމިޔާބުކުރީ 5-1 ނެވެ. މިނަތީޖާއާއެކު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައުގެން ނެދަލެންޑްސް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.
މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ދެ ލަނޑު ޖެހީ ބްރަޔަން ބްރޮބޭ އެވެ. ފަސްވަނަ މިނިޓްގައި ގޯލް ހުޅުވާލަދިނީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެ 11 މިނިޓް ފަހުން ދެވަނަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ޑަމްފްރީސް އެވެ. ތިންވަނަ ލަނޑު ގަކްޕޯ ޖެހީވެސް ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އެއީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ. ހަތަރު ވަނަ ލަނޑުވެސް ޖެހީ ގަކްޕޯ އެވެ. އެއީ ދެވަނަ ހާފްގައި ނިކުމެ ތަފާތު ދެއްކި ސަމާވިލް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ފަހު މިނިޓްގައި ޑިޕާއީ ތަނަވަސްކޮށްދިން ފުރުޞަތަކުން ފަސްވަނަ ލަނޑު ޖެހީވެސް ސަމާވިލް އެވެ. ޑިޕާއީވެސް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. އެއީ 72 ވަނަ މިނިޓްގައި ބްރަޔަން ބްރޮބޭގެ ބަދަލުގައެވެ.
ސްވިޑެންގެ ހަމައެކަނި ލަނޑު އިސާކް ތަނަވަސްކޮށްދިން ފުރުޞަތަކުން އެލަންގާ ޖެހީ ނެދަލެންޑްސްއިން ހަތަރު ލަނޑު ޖެހިފަހުންނެވެ. 55 ވަނަ މިނިޓްގައި ކުޅެން ނިކުމެ އޭނާ ލަނޑު ޖެހީ 59 ވަނަ މިނިޓްގައެވެ. މިގްރޫޕްގައި މިހާރު ދެ މެޗުން ތިން ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސްވިޑެން އެވެ. ފުރަތަމަ މެޗުގައި ސްވިޑެން ވަނީ 5-1 ން ޓިއުނީޝިޔާ ބަލިކޮށްފައެވެ. ނެދަލެންޑްސްގެ ފުރަތަމަ މެޗު ޖަޕާނާ ވާދަކޮށް ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ