ބިސް ބުރާއި ދިއްދޫ ޕްރިމިއާ ލީގަށް، ޓީސީން މަގާމު ދަމަހައްޓައިފި

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ޓީމުގެ ތެރެއިން ތިން ޖާގަ، މާލެ ރީޖަން ލީގު ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަން ލީގު ޗެމްޕިއަން، ހއ. ދިއްދޫ އަދި ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ. 
ޕްރިމިއާ ލީގު ކޮލިފިކޭޝަން ބުރުގައި ވާދަކުރަނީ، ހަތަރު ރީޖަން ލީގުގެ ޗެމްޕިއަނުންނާއި ނިމިދިޔަ ޕްރިމިއާ ލީގު ސީޒަންގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ ޓީމެވެ. 
އެ ގޮތުން، އެ ހަ ޓީމުގެ މެދުގައި ކުޅޭ ކޮލިފިކޭޝަން ބުރުގެ ގިނަ މެޗުތަކެއް ވަނީ ނިމިފަ އެވެ. މި ވަގުތު، އެއް ވަނައިގައި އޮތީ މިރޭ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ކ. ހުރާ އަތުން 6-3 އިން މޮޅުވި ބިސް ބުރު އެވެ. ބިސް ބުރުން ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ، 2019 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އެވެ. ޓީސީ އަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތީ މިއަދު ކްލަބް ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުވި ދިއްދޫ އެވެ. ދިއްދޫ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. 
އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ޖާގަ އަށް ވާދަކުރަނީ ތިން ޓީމަކުންނެވެ. އެއީ، މި ވަގުތު ހަތަރު ވަނައިގައި، ތިން މެޗުން ތިން ޕޮއިންޓާ އެކު، އޮތް ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ އިތުރުން، ފަސް ވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާ އެކު އޮތް ގްރީން ސްޓްރީޓްސް އަދި ހަ ވަނައިގައި އޮތް ހުރާ އެވެ. ހުރާ އަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ. 
ގައްދޫން މާދަމާރޭ ޓީސީ އަތުން މޮޅުވެއްޖެނަމަ، ގްރީން ސްޓްރީޓްސް އާއި ހުރާ، މާލެ ރީޖަން ލީގަށް ރެލިގޭޓްވާނެ އެވެ. އެ މެޗުން ޓީސީ މޮޅުވެއްޖެނަމަ، އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު ޖާގަ ކަނޑައެޅިގެންދާނީ ފަހު މެޗުތަކުންނެވެ. އެ ގޮތުން، ފަހު މެޗުތަކަށް ބަލާއިރު، ގްރީން ސްޓްރީޓްސް އިން ކުޅޭނީ ގައްދޫއާ އެވެ. އަދި، ހުރާ އިން ނުކުންނާނީ، ޓީސީއާ ދެކޮޅަށެވެ. 
ހުރާ އިން ބިސް ބުރު ކައިިރން ހަ ވަނަ މިނިޓްގައި މުހައްމަދު މާއިޝް މައުސޫމްގެ ލަނޑުން ލީޑުނެގި އެވެ. އެކަމަކު، 23 ވަނަ މިނިޓްގައި މުހައްމަދު ނަޝީދު ވަނީ ބިސް ބުރަށް އެއްވަރުކޮށްދީފަ އެވެ. ހުރާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ އޮލުމީޑޭ ފްރާންސިސް ޖެހި ގޯލުންނެވެ. އަދި، ސާދު އަބްދެލް އަޒީޒްގެ ލަނޑުން ލީޑުފުޅާކުރި އެވެ. އެކަމަކު، މަހުމޫދު މުސްތަފާ ޖެހި ގޯލާއި ހުރާގެ ފްރާންސިސް އަތުން ބައިކޮޅަށް ވަން ގޯލާ އެކު، ފުރަތަަމަ ހާފު ނިމުމުގެ ކުރިން ބިސް ބުރުން އެއްވަރުކުރި އެވެ. 
ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖަހައި ބިސް ބުރު މޮޅުވީ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އާމިރު އެލްސަދެކް މުހައްމަދުގެ އިތުރުން މަހުމޫދު މުސްތަފާ ދެ ގޯލެވެ. އޭނާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ