ސްވިޑެން ބަލިކޮށް ނެދަލެންޑްސް އިން މޮޅަކާ އެކު ހަމަޖެހިލައިފި

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ސްވިޑެންގެ މައްޗަށް 5-1 އިން ކުރިހޯދައި ނެދަލެންޑްސް އިން މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޯދި ފުރަތަަމަ މޮޅާ އެކު، ގްރޫޕް އެފްގެ އެއް ވަނަ މަގާމަށް ނެފަލެންޑްސް އިން ޖެހިލައިފި އެވެ. 
ސްވިޑެން އިން ފުރަތަމަ މެޗުގައި ވަނީ ބޮޑު ތަފާތަކުން، 5-1 އިން ޓިއުނީޝިއާ ބަލިކޮށްފަ އެވެ. ނެދަލެންޑްސް އިން ފުރަތަމަ މެޗުގައި ލީޑުނެގި ނަމަވެސް ޖަޕާނާ 2-2 އިން އެއްވަރުވީ އެވެ.
ސްވިޑެން އަތުން ހޯދި މޮޅާ އެކު، ނެދަލެންޑްސް އިން ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. 
ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ނެދަލެންޑްސް އިން ނެރުނު ފުރަތަމަ އެގާރަ އަށް ގެނައި މައިގަނޑު ބަދަލަކީ، ޑޮންޔެލް މާލެންގެ ބަދަލުގައި ބްރަޔަން ބްރޮބީ ކުޅެން ނެރުމެވެ. ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ކުރި އިތުބާރާ އެކު، ބްރޮބީ ވަނީ ކުޅުމުން ވެސް ތަފާތު ދައްކައިފަ އެވެ. ފުރަތަަމަ 17 މިނިޓް ތެރޭ ދެ ލަނޑު ޖަހައިދީ ނެދަލެންޑްސް އަށް ރަނގަޅު ލީޑެއް ނަގައިދީފަ އެެވެ. 
އެ ގޮތުން، މެޗުގެ ފަސް ވަނަ މިނިޓްގައި ބްރޮބީ ފުރަތަމަ ލަނޑު ޖެހީ ކޯޑީ ގަކްޕޯ ދިން ބޯޅައަކުންނެވެ. އަދި، މެޗުގެ 17 ވަނަ މިނިޓްގައި، އޭރިއާތެރެއަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ނެގި ހުރަހަށް އަރައި، ބްރޮބީ ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.  މި ލަނޑުތަކާ އެކު، ނެދަލެންޑްސް އިން ވަނީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި 100 ލަނޑު ހަމަކޮށްފަ އެެވެ. 
ފުރަަތަމަ ހާފުގެ ފަހު ބައިގައި ސްވިޑެން އިން ކުރިއަށް ޖެހިގެން ކުޅެ ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް ވިކްޓަ ޔޯކެރޭޝް ނަގައިދިން ހުރަހަކަށް އެރި ޔާސީން އަޔާރީ އަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، މާ ލަސްތަކެއް ނުވެ، ނެދަލެންޑްސް އިން ތިން ވަނަ ލަނޑެއް ޖެހި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ޑަމްފްރީސް ނަގައިދިން ބޯޅަ އަކަށް އަރައި، ގަކްޕޯ ވަނީ ނެދަލެންޑްސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން، ސްވިޑެން އަށް މެޗުގެ ތެރެއަަށް ރަނގަޅަށް ނުވަދެވެނީސް ގަކްޕޯ ވަނީ 54 ވަަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހައިފަ އެެވެ. މިއީ، ބެންޗުން އެރި ކްރައިސެންސިއޯ ސަމާވިލް ދިން ބޯޅައަކުން ގަކްޕޯ ޖެހި ގޯލެކެވެ. 
ނެދަލެންޑްސް އިން ހަތަރު ގޯލުގެ ލީޑެއް ނެގިތާ ފަސް މިނިޓް ފަހުން، މެޗުގެ 59 ވަނަ މިނިޓްގައި ސްވިޑެން އިން ލަނޑެއް ޖެހި އެވެ. މިއީ، އަލެކްސަންޑަ އިސާކް ދިން ބޯޅައަކަށް އަރައި އެންތަނީ އެލަންގާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، އެލަންގާ ކުޅެން އެރި ގޮތަށް ބައިވެރިވި ފުރަތަަމަ އެޓޭކެވެ. 
އޭގެ ފަހުން ވެސް ލިބޭ ފުރުސަތުތަކުގައި ސްވިޑެން އިން އެޓޭކް ކުރަމުންދިޔައިރު، އޭރިއާ ރޮނގުކައިރީގައި ހުރެފައި، އިސާކް ޖެހި ޝޮޓެއް ނެދަލެންޑްސްގެ ކީޕަރު، ބާޓް ވަބްރޫގެން ވަނީ މަތަކޮށްފަ އެވެ. 
މެޗުގެ ފަހު މިނިޓްގައި، ނެދަލެންޑްސްގެ ފަހު ލަނޑު ޖެހީ ސަމަވިލް އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅަ ސަމަވިލް ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ