"ތަޢުލީމީ މީހުންގެ ކިބައިގައި ހަރުދަނާ އަޚުލާޤުތަކެއް ހުންނާނެ"

ތަޢުލީމު ލިބިފައިވާ މީހެއްގެ ކިބައިން ފާޅުވާ ހަރުދަނާ އަޙްލާޤުތަކެއް ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިއާންޒް ކޮލެޖުން ފާއިތުވެދިޔަ 20 އަހަރު ތަޢުލީމު ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.
ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ ވަސީލަތެއްގެ ގޮތުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެ ތަރައްޤީ ފެންނާނީ ދެވޭ ތަޢުލީމެއްގެ ބާވަތާއި އެ ތަޢުލީމެއް ދެވޭ ގޮތަކުންކަން ފާހަގަކުރައްވައި ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ރަނގަޅު ތަޢުލީމެއް ލިބިފައިވާނަމަ ނުވަތަ ރަނގަޅަށް ތަޢުލީމު ދެވިފައިވާނަމަ އޭނާ ތަރައްޤީވެފައިވާތަން، އޭނާ ކަން ކުރާނެގޮތް ފެންނާނެކަމަށެވެ.
މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމާއި، އަމިއްލަ ފަސްގަނޑާއި، އަމިއްލަ ނަފްސާއި، އަމިއްލަ އާއިލާއަށް ބާއްޖަވެރިކަން ގެނައުމަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެހެންކަމުން ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޙްލާޤުތަކެއް ހުންނަކަން އެކަމަނާ ފާހަގަކުރައްވާފައެވެ.
"ދީނީ ކަންކަމަށް ފަރުވާތެރިވުން. ވާހަކަދެއްކުމުގައިވެސް އަދި ކުރާ މުއާމާލާތްތަކުގައިވެސް އަނެކުންނަށް އިޙްތިރާމްކުރުން. ވަގުތައް ކަމޭހިތުން، މަސައްކަތުގައި މުރާލިވުން. އަބަދުވެސް އައު ކަންކަން ދަސްކޮށް އިލްމީގޮތުން ފުނަށް ނުވަތަ އުހަށް ވާސިލްވާން ހިންމަތްކުރުން. އަމިއްލަ އާއިލާއާއި އަމިއްލަ ގައުމާއި، ދުނިޔެއަށް އަންނަ ހާލަތްތައް ވަޒަންކޮށް ލޯހުޅުވިގެން ހުރުން. އަބަދުވެސް ޖަމާއަތުގެ މަސްލަހަތައް އިސްކަން ދިނުން." ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މިއާންޒް ކޮލެޖަށް 20 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖަށް ގިނަ ދުވަސްވަންދެއް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން އެ ކޮލެޖަށް 5 އަހަރާއި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތައް އަދި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ