ޔޫޑަބްލިއުސީ މޯލްޑިވްސްއިން ބޭރު ގައުމުތަކުގައި ކިޔަވަން 4 ދަރިވަރަކަށް ސްކޮލަޝިޕް ދީފި

ޔުނައިޓެޑް ވޯލްޑް ކޮލެޖަސް (ޔޫޑަބްލިއުސީ) މޯލްޑިވްސްއިން ދިވެހި ހަތަރު ދަރިވަރަކަށް ބޭރު ގައުމުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދީފި އެވެ.
ވީ ކިހިނެއް؟ - ޔޫޑަބްލިއުސީގެ ސްކޮލަޝިޕް ދިން ހަތަރު ދަރިވަރުންނާއި އެ ދަރިވަރުން ކިޔަވަން ހަމަޖެހިފައިވާ ތަންތަނަކީ:
ފާތިމަތު ސާޝާ ފަރުހަތު (ގާޒީ ސްކޫލް) - ޔޫޑަބްލިއުސީ އައިސަކް، ޖަޕާން
ފާތިމަތު ފާރިހާ ފަޔާޒު (އަމީނިއްޔާ ސްކޫލް) - ޔޫޑަބްލިއުސީ ޑިލިޖަން، އާމީނިއާ
ޖިއާން އަހްމަދު ސައީދު (އަމީނިއްޔާ ސްކޫލް) - ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާ، އެސްވާޓީނީ
އާމިނަތު އުލާ އަހްމަދު (ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް) - ޔޫޑަބްލިއުސީ ޔޫއެސްއޭ، އެމެރިކާ
ބުނީ ކީކޭ؟ - ޔޫޑަބްލިއުސީ މޯލްޑިވްސްގެ ކޯޑިނޭޓަރު އިޒްމާން ސުހައިލް ވިދާޅުވީ ފޯރުކޮށްދޭ ތައުލީޟަކީ ދަރިވަރުންގެ އަމިއްލަ ޝަހުސިއްޔަތު ބިނާކޮށް، ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ތަފާތު އަދި އެހާމެ އަގުހުރި ފުރުސަތެއް ކަމަށެވެ.
"މިއީ މަތީ ތައުލީމުގެ ފުރުސަތުތަކަށް މި ދަރިވަރުންނަށް ހުޅުވޭ މުހިންމު މަގަކަށް ވެސް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޔޫޑަބްލިއުސީއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ތައުލީމީ ގޮތުން ނަމޫނާ މުއައްސަސާއެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޑަބްލިއުސީގެ 18 ކޮލެޖެއް ހުރިއިރު، އެ ތަންތަނުގައި ދަރިވަރުން ފުރިހަމަކުރާނީ ދެ އަހަރު ދުވަހުގެ އިންޓަނޭޝަނަލް ބެކަލޯރިއެޓް (އައިބީ) ޑިޕްލޮމާއެކެވެ.
މިއީ އޭލެވެލްއާ އެއް ފެންވަރެއްގެ، އަދި ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެސް ބަލައިގަންނަ ސަނަދެކެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސް
މިއީ ރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ ކޮމިޓީ އެވެ. މި ޖަމިއްޔާގެ ސްކޮލަޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަންގެ އެހީތެރިކަމާ އެކީގަ އެވެ.
ގްރޭޑް 10 ނިންމާ ދަރިވަރުންނަށް އަމާޒުކޮށް، ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލަ އެވެ.
އެގޮތުން 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް 70އަށް ވުރެ ގިނަ ދިވެހި ދަރިވަރުންމި ސްކޮލަޝިޕްތަކުގައި ތައުލީމު ހާސިލުކޮށްފައިވެ އެވެ.
އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ދަރިވަރުން ވެސް ވަނީ މަތީ ތައުލީމު ހާސިލުކުރަން އިތުރު ސްކޮލަޝިޕްތައް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރީ އެމެރިކާގެ ޔުނިވާސިޓީތަކުންނެވެ.
މި ސްކޮލަޝިޕްތަކުގެ ދަށުން މިހާރު ވެސް ދިވެހި ތިން ދަރިވަރަކު ކެނެޑާ، އިންޑިއާ އަދި ހޮންކޮންގައި ހުންނަ ޔޫޑަބްލިއުސީތަކުގައި ތައުލީމު ހާސިލުކުރަމުން އެބަގެންދެ އެވެ.
އޭގެ އިތުރުން ނިމިދިޔަ މެއި މަހު ޖަރުމަނާއި ޗައިނާއިން ކިޔެވުން ފުރިހަމަކުރި ދެ ދަރިވަރަކު ވަނީ މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް އެމެރިކާގެ ޔުނިވާސިޓީތަކުން ކާމިޔާބުކޮށްފަ އެވެ.
ޔޫޑަބްލިއުސީ ސްކޮލަޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު އަދި ފުރިހަމަވާން ޖެހޭ ޝަރުތުތައް، ޔޫޑަބްލިއުސީ މޯލްޑިވްސްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
އިތުރު މައުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ