ސެނެގާލްގެ ކުޅުންތެރިންނަށް ވޯލްޑް ކަޕަށް ކޮލިފައިވުމުން ދޭން ބުނި ބޯނަސް ފައިސާ އަދިވެސް ނުދޭ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ސެނެގާލް ކުޅެންޖެހޭ މުހިންމު މެޗަކަށް ތައްޔާރުވަމުން ދަނިކޮށް، އެ ޓީމުގެ ކޭމްޕްގެ ތެރޭގައި އިދާރީ އަދި މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެފްރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެފައިވާ ސެނެގާލް ޓީމުގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވަނީ ކުޅުންތެރިންގެ ބޯނަހާއި، އެކޮމޮޑޭޝަން އަދި ކޯޗުގެ މުސާރަ ނުދޭކަމަށް ބުނާ މައްސަލަތަކާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން ސެނެގާލްގެ ކުޅުންތެރިންނަށް ވޯލްޑް ކަޕަށް ކޮލިފައިވުމުން ދޭން ބުނި ބޯނަސް އަދިވެސް ލިބިފައެއް ނުވެއެވެ. ސްޕޯޓްސް ނިއުސް އެފްރިކާއިން ބުނެފައިވަނީ، ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް މުބާރާތްތަކުގެ ފައިސާ ލިބިފައިވީ ނަމަވެސް، ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވަމުންދާތީ ޓީމުގެ ތެރޭގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާ ކަމަށެވެ. އެމެރިކާގައި ސެނެގާލް ޓީމު މަޑުކޮށްގެން ތިބި ހޮޓަލުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ވެސް ވަނީ ފެންމަތިވެފައެވެ. ބައެއް ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި އެ ހޮޓަލަކީ އެފްރިކާގެ އެންމެ ވަރުގަދަ އެއް ޓީމަށް އެކަށީގެންވާ ފެންވަރުގެ ތަނެއް ނޫނެވެ. މީގެ އިތުރުން، ކެއުމުގެ ކަންތައްތައް ހުރި ގޮތުން ބައެއް ކުޅުންތެރިން އަމިއްލައަށް ބޭރުން ކާތަކެތި އޯޑަރު ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މި މައްސަލަ ބޮޑުވީ ޓީމުގެ ދާއިމީ ޝެފް ޓީމާއެކު ދަތުރުނުކުރުމުންނެވެ. ޓީމުގެ ހެޑް ކޯޗު ޕޭޕް ތިއޯއާ ގުޅޭގޮތުން ވެސް ކަންބޮޑުވާ ފަދަ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. ރިޕޯޓްތައް ބުނާގޮތުން ތިއޯ އަދިވެސް މަސައްކަތް ކުރަމުންދަނީ ދާއިމީ ކޮންޓްރެކްޓެއް ނެތިއެވެ. އަދި އޭނާއަށް މުސާރަ ނުލިބޭތާ އެތައް މަހެއް ވެފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. މީގެ ކުރިން ވެސް ކޮންޓްރެކްޓްގެ މައްސަލައިގައި އޭނާ ޓީމާ ގުޅުން ލަސްވި ކަމަށް އަޑުފެތުރުނު ނަމަވެސް، ފެޑެރޭޝަނުން އޭރު އެކަން ދޮގުކުރިއެވެ. ފުރަތަމަ މެޗުގައި ފްރާންސް އަތުން 3-1 އިން ބަލިވެފައިވާ ސެނެގާލަށް، ކުރިއަށް އޮތް ނޯވޭ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ކޮންމެހެން މޮޅުވާންޖެހޭ މެޗެކެވެ. މިފަދަ މުހިންމު ވަގުތެއްގައި ދަނޑުން ބޭރުގެ މި މައްސަލަތަކުގެ ސަބަބުން ޓީމުގެ ސަމާލުކަން ގެއްލިދާނެތީ ސަޕޯޓަރުން ތިބީ ކަންބޮޑުވުމެއްގައެވެ. ނަމަވެސް، ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން މިހާތަނަށް މި މައްސަލަތަކާ ގުޅޭގޮތުން ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ