މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ވީ ކިހިނެއް؟  - މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވީ ސްޕެއިންގެ އަލްމުތޭނާ އެސްޕަރްޒާ އެވެ. އޭނާ ރާއްޖެ އައީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު މެންދުރުފަހު އެވެ.
ތަފްސީލް- 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިން ވެސް ބައިވެރިވި އެވެ.
ފާހަގަކުރެވޭ - މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލްކުރެވުނީ މިދިޔަ އަހަރަށް ވުރެ ލަހުންނެވެ. މިދިޔަ އަހަރުގެ 1 ވަނަ ފަތުރުވެރިޔާ އައީ ޖޫން ފުރަތަމަ ހަފްތާގަ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، %5 މަދުވެފައިވާއިރު މިހާރު އެވްރެޖުކޮށް ރާއްޖެ އަންނަނީ ދުވާލެއްގެ މައްޗަށް 5،000 އެއްހައި ފަތުރުވެރިންނެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި އަމާޒަށް ވާސިލްވެވިދާނެ ކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ