ބޭރު ފައިސާގެ ރިޒާވް ރަނގަޅުވީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ވޯލްޑް ބޭންކު

ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދާއެކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވޯލްޑް ބޭންކުން ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުން އާއްމުކޮށްފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026"ރިޕޯޓްގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ނަތީޖާ ރަނގަޅު ކަންކަމަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ފަހުކޮޅު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ ކަރަންސީ ސްވޮޕްއަކީ ރަނގަޅު ފިޔަވަޅުތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓްގައި ބުނާގޮތުން، ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަަލަށް 1.3 ބިލިޔަން ޑޮލަރަށް އަރާފައިވެއެވެ. އެޕްރީލު މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ ދަރަނިތައް އަދާކޮށް ނިންމުމަށް ފަހު، މޭ މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރެވެ.
މީގެ އިތުރުން ސަރުކާރުން އަޅާފައިވާ މާލީ ފިޔަވަޅުތައް ޚަރުދަނާކަމަށް ފާހަގަކޮށް ވޯލްޑް ބޭންކުން ވިދާޅުވީ، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމާއި، ޚަރަދު ކުޑަކޮށްފައިވުމުގެ ސަބަބުން، 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު 5.1 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 4.3 އިންސައްތައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ، ދަައުލަތުގެ ބަޖެޓުގެ ޑެފިސިޓު 2024 ވަނަ އަހަރު ހުރީ 10.8 ބިލިޔަން ރުފިޔާގައި ކަމަށެވެ. އަދި ބަޖެޓު ޑެފިސިޓު ކުޑަކުރެވިފައިވާ ކަމަށާއި ދައުލަތުގެ ޚަރަދުތައް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 37.1 އިންސައްތައަށް ދަށްކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަަށްވުމެކެވެ. ދައުލަތުގެ އާމްދަނީ ޤައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތައަށް އިތުރުވެފައިވާއިރު އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12.0 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ.
އެ ރިޕޯޓުގައި، ސަރުކާރުން ސުކޫކު ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، އެސްބީއައިއަށް ދައްކަންޖެހޭ ފައިސާ އަދި ކަރަންސީ ސްވޮޕުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ރާއްޖެއިން އަނބުރާ ދައްކާފައިވާތީ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ