"ޙާރިޖީ ސިޔާސަތުގެ އެންމެ އިސް ކަމަކީ ޤައުމުގެ މަސްލަހަތު"

ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ކަމަކީ ޤައުމުގެ މަސްލަހަތު ކަމަށާއި، އެ ސިޔާސަތުގެ މައްޗަށް ބަސް ކިޔޭ އެއްވެސް ބަޔަކު ނުތިބާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމުތަކަކާއި އެކު ގުޅުން ބަދަހިކޮށްގެން ހަމަހަމަކަމާއި އެކު ކުރިއަށް ގެންދިއުން ކަމަށާއި، ނަމަވެސް ކަން ނިންމާނީ ދިވެހި ދައުލަތުން ކަމަށެވެ.
އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ކަމަކީ ޤައުމުގެ މަސްލަހަތު. އެ ސިޔާސަތުގެ މައްޗަށް ބަސް ކިޔޭނެ އެހެން ބަޔަކު ނުތިބޭނެ. ކަން ނިންމާނީ އަޅުގަނޑުމެން.". ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާ ގުޅުވައި ބޭރުގެ ސިފައިން މި ގައުމުގައި ތިބި ކަމަށް ވާދަވެރި ޕީޕީއެމާއި ޕީއެންސީން ކެނޑިނޭޅި ދައްކަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ރައްޔިތުންނަށް ސާބިތުކޮށްދޭން ސިފައިން ތިބި ކަމަށް ތުހުމަތުކުރާ ހުރިހާ ސަރަހައްދެއް ދައްކަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ އުތުރު ތިލަފަޅު ކަމަށް ވިޔަސް ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ." ރައީސް ސޯލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް އަދި އެންމެ ފަސްކޮޅެއް ވެސް ބޭރުގެ ބަޔަކަށް ދިނުމަށް އެމަނިކުފާނު ފުރުސަތު ނުދެއްވާނެ ކަމަށެވެ. ރޭގަނޑުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް، މި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ އެމަނިކުފާނަށް ތުހުމަތު އަމާޒުކުރާ ޕީޕީއެމުން ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ