ނެޓްފްލިކްސް އިން ހުކުރުދުވަހު ސްޓްރީމްކުރަން ފެށި ޝޯ 'އޯލް ދަ ޝާކްސް'ގެ ފުރަތަމަ އެޕިސޯޑް ހާއްސަކުރީ ފުވައްމުލަކުގެ މިޔަރު އަޖައިބަށެވެ. އެރަށުގެ ކައިރިން ފެންނަ ޓައިގާ ޝާކްސްތަކަށް ދުނިޔޭގެ ކަޅި ހުއްޓުނެވެ.
ދުނިޔެއަށް ބަލާއިރު ވެސް ޓައިގާ ޝާކްގެ އެންމެ ބޮޑު އާބާދީއެއް އޮތް ތަނަށް ފުވައްމުލަށް ވާނެކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން މިއީ ފީނާ މީހުންނަށް މިޔަރުގެ ސުވަރުގެއެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިޔަރު އާލާވެ އެސޮރުމެންނަށް ފުވައްމުލަށް ކަމުދަނީ ކަނޑުގެ އޮއި ހެޔޮވަރުވުމުންނެވެ. ވަށައިގެން އެހެން ރަށެއް ނެތް ރާއްޖޭގެ އެންމެ ބޮޑު ރަށަކީ ވެސް މިއީ އެވެ. އެހެންކަމުން މިއީ ޓައިގާ ޝާކް އާލާވާން އެންމެ ރަނގަޅު އެއް މާހައުލެވެ.
ނެޓްފްލިކްސްގެ މި ޕްރޮގްރާމްގައި ދައްކަނީ ދެ މީހުންގެ ހަތަރު ޓީމަށް ބަހާލައިގެން ކުރިއަށް ދާ ޗެލެންޖެކެވެ. ކޮންމެ ޓީމަކުން ފީނައިގެން އެކި ވައްތަރުގެ މިޔަރު ފޮޓޯ ނަގަން ޖެހެ އެވެ. އެއްވަނައަށް އަންނަ ޓީމަކަށް އެ ޓީމުން ބޭނުންވާ ކަނޑުގެ ދިރުން ހިމާޔާތްކުރަން މަސައްކަތް ކުރާ ޗެރިޓީއަކަށް 50،000 ޑޮލަރު ހަދިޔާކުރުމުގެ ފުރުސަތު ލިބެ އެވެ.
ޓީމުތަކުގައި ތިބީ ސައިންސްވެރިންނާއި ކަނޑުގެ ދިރުންތަކަށް އެކި ރޮނގުތަކުން ހާއްސަ ތަޖުރިބާކާރުންނެވެ.
ފުރަތަމަ އެޕިސޯޑު ހާއްސަކުރީ ރާއްޖެއަށެވެ. މި ޝޯގެ އިތުރު އެޕިސޯޑުތަކުގައި ޖަޕާން، ސައުތް އެފްރިކާ، އޮސްޓްރޭލިއާ، ބަހާމާސް، ގަލަޕޭގޯސް އައިލޭންޑްސްގެ ކަނޑު އަޑި ދައްކަ އެވެ.
ބިރުވެރި އެއްޗެއްގެ ގޮތުގައި ފިލްމުތަކުގައި ޓީވީ ޕްރޮގްރާމްތަކުން ސިފަކުރުމުން އާންމުކޮށް ގިނަ މީހުންނަށް ވިސްނެނީ ވެސް އެގޮތަށެވެ. ނަމަވެސް ނެޓްފްލިކްސްގެ އާ ޝޯއިން އެކި ބާވަތުގެ މިޔަރު ގެނެސްދޭ ގޮތް ވެސް ތަފާތެވެ.
މިޔަރުތަކާ ބެހޭ ލުއި މައުލޫމާތު ގެނެސްދެ އެވެ. ކަނޑުގެ ދިރުމާ ގުޅޭ ގޮތުން ބެލުންތެރިން ހޭލުންތެރިކުރުވަ އެވެ.
ހާއްސަކޮށް ދިވެހިންނަށް ވެސް މި ޝޯއިން ދެނީ މުހިއްމު މެސެޖެކެވެ. މިޔަރުގެ އާބާދީ ހިމާޔަތްކޮށް އަހަރެމެންގެ ކަނޑުތަކަށް މި ދިރުން ކިހާ މުހިއްމުކަމެވެ. ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތް އިރު އަހަރެމެން ވެސް އެކަން ދަންނަން ޖެހޭނެ ކަމެވެ. ފަހުރުވެރިވާން ޖެހޭނެ ކަމެވެ.
މިޔަރު މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ނެޓްފްލިކްސްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ