ކެޓްރީނާ އާއި ކިއާރާ އެނބުރި ފިލްމުތަކުން ފެންނާނެބާ؟
ބޮލީވުޑްގެ ކުރީގެ ތާރީޚަށް ބަލާއިރު، ބަތަލާއިން ކައިވެނިކޮށް ދަރިއަކު ހޯދުމަކީ އެ މީހުންގެ ފިލްމީ ކެރިއަރު ނިމުމަކަށް އަންނަ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އަދި ގިނަ ފަހަރަށް ކަންތައްތައް ހިނގާފައިވަނީ ވެސް އެގޮތަށެވެ. ނަމަވެސް، ދީޕިކާ ޕަދުކޯން، ރާދިކާ އާޕްޓޭ އަދި ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިން ވަނީ މި ވިސްނުން ބަދަލުކޮށް، ދަރިން ލިބުމަށްފަހު ވެސް މަސައްކަތުގައި ކުރިއަށް ދެވޭނެކަން ސާބިތުކޮށްދީފައެވެ. އެހެންނަމަވެސް، އިންޑިއާގެ މަޝްހޫރު ކޮލަމިސްޓް ޝޯބާ ޑޭ ފާހަގަކުރި ގޮތުގައި، ވިހެއުމަށްފަހު ކުރިން ލިބުމު މަގުބޫލުކަމާ މަޝްހޫރުކަމާ އެކު އެނބުރި ފިލްމީ ދާއިރާއަށް ނުކުތުމުގެ ގާބިލުކަން ލިބިފައިވާ ބަތަލާއިން ހިންދީ ސިނަމާގައި ވަރަށް މެދެވެ. ރެޑިފް އޮރިޖިނަލްސްއަށް ދިން އިންޓަވިއުއެއްގައި ޝޯބާ ބުނީ، މައިވަންތަކަމުގެ ސަބަބުން މިހާރުގެ މަޝްހޫރު ބަތަލާއިންގެ ކެރިއަރަށް ކުރާނެ އަސަރާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އަލަށް މައިންނަށް ވާ ބަތަލާއިންނަށް ކުރީގެ ފެންވަރުގައި ފިލްމީ ދާއިރާގައި ދެމިތިބެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އޭނާގެ ނެތް ކަމަށް ވެސް ޝޯބާ ވަނީ ބުނެފައެވެ. އިންޑިއާގެ މަޝްހޫރު ކޮލަމިސްޓް އަދި ޖާނަލިސްޓް ޝޯބާ ދޭ--ފޮޓޯ/ޕިންކްވިލާ "ދަރިފުޅު ލިބުމަށްފަހު ކެޓްރީނާ ކުރިން ފިލްމީ ދާއިރާގައި ހުރި މަގާމަށް އާދެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަހަންނަކަށް ނެތް. އަދި ކިއާރާ އަދުވާނީ އަކީ މިހާރު މަންމައަކަށް ވީތީ، މީހުން އޭނާއާ މެދު ކުރިން ދެކުނު ގޮތަށް ދެން ދެކޭނެ ކަމާ މެދު ވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދޭ" ޝޯބާ ބުނެފައިވެއެވެ. ދީޕިކާ ޕަދުކޯން 'ސްޕިރިޓް' އަދި 'ކަލްކީ 2898 އޭޑީ'ގެ މަސައްކަތުން ވަކިވީ ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރަން ޝަރުތު ކުރުމަށްފަހު ކަން ފާހަގަކުރަމުން ޝޯބާ ބުނީ، މިފަދަ ޝަރުތުތައް ހުށަހެޅުމުގެ ގާބިލުކަން ހުރި ތަރިން އިންޑަސްޓްރީގައި ވަރަށް މަދު ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އެ ފެންވަރުގައި ތިބީ ދީޕިކާ އާއި ޕްރިޔަންކާ އެކަންޏެވެ. އެހެން ބަތަލާއިން އެފަދަ ކަމަކަށް އެދިއްޖެނަމަ، ވަގުތުން އެހެން ތަރިއަކު ހޯދުމަށް ޕްރޮޑިއުސަރުން އަވަސްވެގަންނާނެ ކަމަށާއި އެފަދަ ފުރުސަތުތަކަށް އިންތިޒާރުކުރާ ބަތަލާއިން އިންޑަސްޓްރީގައި އަދިވެސް އެބަތިބި ކަމަށް ޝޯބާ ވަނީ ބުނެފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމީ ދާއިރާ އަކީ ބޮޑު ވިޔަފާރި ހަބަކަށް ވެފައި ބަތަލާއިންގެ އެފަދަ ޑިމާންޑުތަކަށް މިހާރުގެ ޕްރޮޑިއުސަރުން މާބޮޑު ސަމާލުކަމެއް ނުދޭނެތީ ކަމަށް ޝޯބާ ވަނީ ބުނެފައެވެ. ކަންތައްތައް ބަދަލުވަމުންދާނެ ކަމަށް ގަބޫލުކުރި ނަމަވެސް، އެކަމަށް ވަގުތު ނަގާނެ ކަމަށް ޝޯބާ ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ހޮލީވުޑްގައި ވެސް މުސާރައިގެ ތަފާތުކުރުންތަކާއި އެހެނިހެން މައްސަލަތަކާ މެދު ވޭތުވެދިޔަ 10-15 އަހަރު ވާހަކަދެކެވުނު ނަމަވެސް، މާ ބޮޑު ބަދަލެއް އައިސްފައި ނުވާއިރު ބޮލީވުޑްއިން އެފަދަ ބަދަލުތައް ފެންނަން ވަރަށް ވަގުތު ނަގާނެ ކަމަށެވެ. ވިހެއުމަށްފަހު ބައެއް ބަތަލާއިން ފިލްމު އިންޑަސްޓްރީއިން އަލުން ފެންނާނެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާއިރު ދާދިފަހުން މަންމައަކަށްވި ބަތަލާ ކެޓްރީނާ ކައިފް ވަނީ އެކްޓަރު ވިކީ ކޯޝަލްއާ ކައިވެނި ކުރުމަށްފަހު ފިލްމީ މަސައްކަތުން ވަރަށް ބޮޑަށް ދުރަށްޖެހިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރު ކަމަށް އައްޔަންކޮށްފައިވާ އިންޑިއާގެ ބަތަލާގެ ފިލްމެއް އެންމެފަހުން ރިލީޒްވެފައި ވަނީ 2024ގައެވެ. އެއީ ސައުތު އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ކުޅުނު ފިލްމު "މެރީ ކްރިސްމަސް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ