ދުނިޔޭގައި ނޯންނާނޭ ބުނި ދަރިފުޅުގެ ޚިދުމަތުގައި އަދިވެސް ތިބީ މި މައިންބަފައިން
އުމުރުން 65 އަހަރު ވަންދެން އުފަން ރަށް ރ. މީދޫގައި މުދިމެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. ހަމަ އެ ދުވަސްވަރު 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނެވެ. އެ ހުރިހާ މަސައްކަތެއް އޭރު ކުރީ މޫސާ އަޙްމަދު، ނުވަތަ މޫސަބޭގެ ނުވަ ކުދިންގެ އާއިލާއަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. މޫސަބޭގެ ބައްޕަ އަޙްމަދަކީ ރ. މީދޫގައި މުދިންކަމާއި ކުޑަކަތީބު ކަމާއި ކަތީބުކަންވެސް ކުރެއްވި ބޭފުޅެކެވެ. ބައްޕަ އަވަހާރަވިއިރު ހުންނެވީ މީދޫގައި މުދިމެއްގެ މަގާމުގައެވެ. "އަޅުގަނޑަކީ އަބަދުވެސް މަހަށްދާ ހިތްވާ މީހެއް، އަޅުގަނޑުމެން ގޭގައި ދޯންޏެއް އޮންނާތީ އެ ދޯނީގައި އަބަދުވެސް އަޅުގަނޑު އުޅެނީ، އައިސް ބައްޕަގެ ނިމުން އައީ މުދިމަކަށް ބަދަލުވެ ހުންނަވަނިކޮށް، ބައްޕަ ދުނިޔެ ދޫކުރެއްވީމަ އާސިމް ކަލޭފާނު އަޅުގަނޑު ގެންދަވައިފައި ވިދާޅުވީ، މޫސާފުޅު މި ގެނައީ ބައްޕަގެ ހަނދާން އާ ކުރާށޭ،" މޫސަބޭ ކިޔައިދިނެވެ. މުދިމަކަށް ދިޔައީ އެ ސަބަބަށް ޓަކައި ކަމަށް، މޫސަބޭ ބުންޏެވެ، މޫސަބެގެ ނުވަ ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެންވެ އެ ދަރިފުޅުގެ ކަންކަން ބަލަހައްޓައި، ފަރުވާތައް ދިނުމަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް، 170 އެއްހާ ކުދިންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެ މަސައްކަތްކުރީ ރ. މީދޫގެ މުދިންކަން ވެސް ކުރަމުންނެވެ. "އޭރުގަ 50 ރުފިޔާ ކުއްޖެއްގެ އަތުން ނަގަނީ، 50 ރުފިޔާ ނަގަމުން އައިސް ތަންކޮޅެއް ބޮޑުކޮށްލިން 100 ރުފިޔާއަށް، އެއީ މިރަށުގައި އެހެން ބަޔަކު ޤުރުއާން ކްލާސް ހިންގަން ފެށީ، އެމީހުން 250 ރުފިޔާއަށް ނަގަން ފެށީމާ އަޅުގަނޑު 100 ރުފިޔާއަށް ނެގީ، ނަމަވެސް ވީގޮތަކީ ޕާކިސްތާނު ބޭފުޅަކު ގެނެސްގެން ކިޔަވައިދޭތީ އަޅުގަނޑު ކިޔަވައިދޭ ދަރިވަރުން ދިޔައީ، ދިޔައީމާ އަޅުގަނޑު ހުއްޓާލީ، ދެން އެހެން ހުއްޓާ 65 އަހަރުވީމާ މުދިންކަމުގެ ހަޔާތްވެސް ދިޔައީ،" މޫސަބޭ ކިޔައިދިނެވެ. މޫސަބޭގެ ދަރިފުޅު މުސްލިމާ: މުސްލިމާއަށް މިހާރު 44 އަހަރު މުސްލިމާ ދުނިޔޭގައި އޮންނާނެ ކަމާމެދު އުންމީދު ކަނޑާލި މޫސަބެއާއި އަންހެނުން މަރިޔަމްއަށް އުފަންވި ނުވަ ކުދިންގެ ތެރެއިން އެއް ދަރިފުޅަކީ ދެވަނަ އަށް އެންމެ ދޮށީ ދަރިފުޅު މުސްލިމާއެވެ. "ފޫޅުމާމަ ކިޔާ މީހަކު ވިއްސި، އެމީހާ ބުނި، އެއްވެސް ފަރުވާއެއް ދޭކަށް ނުކެރޭނެޔޭ، ތިއީ ދުނިޔޭގައި އޮންނާނެ ކުއްޖެއްނޫނޭ، އަޅުގަނޑު ދެންނެވިން، ދުނިޔޭގަ އޮންނާނެ އެއްވެސް މީހަކު ނުހުންނާނެއޭ، އެހާހިސާބުން އަޅުގަނޑު ވަރަށް ބޮޑަށް ޔަގީންކުރިން، الله ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށް ދެއްވި ނިއުމަތް، އެހާހިސާބުން އަދިވެސް ބަދަލެއް ނާދޭ، ހަމަ އެގޮތުގައި މިހާރު ވެސް މި ހުންނަނީ، އިރާދަކުރެއްވިއްޔާ އެ ދަރިފުޅު އަދިވެސް އެބައޮތް ދުނިޔޭގައި،" މިހާރު އުމުރުން 44 އަހަރުގެ މުސްލިމާގެ ވާހަކަ ކިޔައިދެމުން ބުންޏެވެ. މުސްލިމާއަށް ފިޓު ޖެހެން ފެށީ އުމުރުން އެންމެ ތިން އަހަރުގައެވެ. އޭރު ވަރަށް ގިނައިން ފިޓު ޖެހުނެވެ ގަޑިއިރެއް ތެރޭ 63 ފަހަރު ވެސް ފިޓު ޖެހިފައި އެބަހުއްޓެވެ. އެހެންވެ މުސްލިމާއަށް ފަރުވާ ހޯދުމަށް، މުސްލިމާގެ އުމުރުން ހަ އަހަރުގައި މުސްލިމާ ގޮވައިގެން މޫސަބޭ ލަންކާއަށް ދިޔައެވެ. އެއަށްފަހު މޫސަބެއާއި މަރިޔަމްގެ މަސައްކަތުން، މުސްލިމާގެ ހާލަތު އައީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. "މިހާހިސާބުން ދެން އައީ ދޭތެރެ ދުރުވަމުން ފިޓު، މިހާރުވެސް ދުވާލެއްގެ މައްޗަށް ތިން ހަތަރު ފިޓު [ޖެހޭ]، ނުޖެހޭ ދުވަހެއް ހިނގައިދާނެ،" އެންމެ ބޮޑު އެހީއެއް ލިބުނީ އަންހެނުންގެ ފަރާތުން، އެއްވެސް ސަރުކާރަކުން އެހީތެރިކަމެއް ނުލިބުނު މުދިންކަން ކުރިއިރު، މިސްކިތަށް ދިއުމާ ހަމައަށް މޫސަބޭ މުސްލިމާއާ އެކު އަބަދުވެސް ވަގުތު ހޭދަކުރެއެވެ. އަދި މުސްލިމާގެ ކަންކަން ބެލެހެއްޓުމުގައި މޫސަބޭގެ އަންހެނުން މަރިޔަމްގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް، މަރިޔަމްއަށް ވަރަށް ބޮޑަށް ތައުރީފްކުރިއެވެ. މޫސަބޭގެ އަންހެނުން މަރިޔަމްއާ އެކު --- "އެއްވެސް ސަރުކާރަކުން އަޅުގަނޑަކަށް އެހީއެއްވެސް ދީފައެއް ނޯންނާނެ، އެ އިރެއްގެ މެންބަރަކު މެދުވެރިކުރީމަ މެންބަރަކަށް ދެއްވަނީ، އަަޅުގަނޑު ދެކޭގޮތުގައި އަދިވެސް އަޅުގަނޑަކީ ދިވެހި ރައްޔިތެއްނޫން، ދިވެހި ރައްޔިތެއްނަމަ އަޅުގަނޑުގެ ދަރިފުޅާއި އަޅުގަނޑު ބަލައިގަތީސް، އަދިވެސް ނުލިބޭ މި ދަރިފުޅަކަށް ބޭހެއް، 44 އަހަރުވީ އިރުގަ ގެންނަނީ މި ދަރިފުޅުގެ ބޭސް އިންޑިއާއިން، އެކަކަށް އާދޭސްކޮށްފައި އަނެކަކަށް އާދޭސްކޮށްފަ،" މޫސަބޭ ކިޔައިދިނެވެ. މުސްލިމާއަކީ އެކަނި ހިނގައިބިނގާވެ އުޅެވޭ މީހެއް ނޫނެވެ. ނަމަވެސް މުސްކުޅި މައިންބަފައިން މުސްލިމާއަށް ޓަކައި ކޮށްދޭ އެއްވެސް ކަމެއް ބުރައެއްގެ ގޮތުގައި ނުބަލައެވެ. އެ ދެމަފިރިންގެ ހިތުގައި އޮތީ ލޯތްބެވެ. "ދަރިންނަކީ الله ސުބުޙާނަހޫ ވަތަޢާލާ ދެއްވާ އަމާނާތެއް، މި އަމާނާތް ދެއްވީމާ އަމާނާތަށް ޚިޔާނާތްތެރިނުވާށޭ، ވަރަށް ބޮޑު އަމާނާތެކޭ މިއީ އުފާކުރާށޭ، އެއްވެސް މީހަކަށް ތަކުލީފެއް ނުޖައްސަވާނެ، الله ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންނުވާ އެއްވެސް ކަމެއް ނެތޭ، ހެޔޮހިތުން ބަލައިގަންނާށޭ، ލޯބިން ބައްލަވާށޭ، މިކަހަލަ ދަރިންނަކީ ލޯބިން ބަލަންޖެހޭ ކުދިން،" މުސްލިމާއަށްޓަކައި 44 އަހަރު ވޭތުކުރީ އުފަލުގައިކަން ފާހަގަކޮށް މޫސަބޭ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ