އެމެރިކާއިން އީރާނުގެ މަނަވަރު ފައްތާލުމުގެ 3 ދުވަސް ކުރިން އިންޑިއާއިން ބަނދަރުކުރުމުގެ ހުއްދަ ދިން

އީރާނުގެ އަސްކަރީ ތިން މަނަވަރަކަށް އިންޑިއާގެ ބަނދަރުތަކަށް ވަނުމުގެ ހުއްދަ، އޭގެ ތެރެއިން އެއް މަނަވަރު އެމެރިކާގެ ސަބްމެރީނަކުން ސްރީ ލަންކާ ކައިރިން ފައްތާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ދީފައިވާ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖަޔަޝަންކަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
އީރާނުގެ އައިއާރުއައިއެސް ދޭނާ، އައިއާރުއައިއެސް ބުޝެހްރު އަދި އައިއާރުއައިއެސް ލަވަން ބަނދަރު ކުރުމުގެ ހުއްދައަށް އެދިފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި މިދިޔަ މަހު 28ގަ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖަޔަޝަންކަރު ވިދާޅުވީ، މި މަހުގެ 1 ވަނަ ދުވަހު އިންޑިއާއިން އެ ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް، އިންޑިއާއާ ހަމައަށް ދެވުނީ ހަމައެކަނި އައިއާރުއައިއެސް ލަވަން އަށެވެ. އެ މަނަވަރު މި މަހުގެ 4 ވަނަ ދުވަހު ކޮޗިންގައި ބަނދަރުކޮށްފައިވާއިރު، އޭގެ ފަޅުވެރިން މިހާރު ތިބީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކުގަ އެވެ.
ގާތްގަނޑަކަށް 130 ފަޅުވެރިންނާ އެކު ދަތުރުކުރި އައިއާރުއައިއެސް ދޭނާ ފައްތާލީ މި މަހުގެ 4 ވަނަ ދުވަހު، ލަންކާގެ ގޯލްއާ 20 ނޯޓިކަލް މޭލު ހުޅަނގުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގަ އެވެ. ލަންކާގެ ސާޗު-އެންޑް-ރެސްކިއު ޒޯނުގެ ތެރޭގައި އެމެރިކާގެ ސަބްމެރީނަކުން ދިން މި ހަމަލާގައި މަދުވެގެން 87 ފަޅުވެރިން މަރުވެފައިވެ އެވެ.
މި ހަމަލާއަކީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ، މެދުއިރުމަތިން ބޭރުގެ ސަރަހައްދެއްގައި ހިންގި ފުރަތަމަ އަސްކަރީ ހަރަކާތެވެ.
އީރާނުން މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އެމެރިކާއިން މި ހިންގީ އީރާނުގެ އައްސޭރިފަށާ 2،000 މޭލު ދުރުގައި، ކަނޑުމަތީގައި ހިންގި ލާއިންސާނީ ޖަރީމާއެއް ކަމަށެވެ. އަދި ހަމަލާ ދިނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ މަނަވަރު އައިއާރުއައިއެސް ބުޝެހްރު އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ފަހުން ވަނީ ލަންކާގެ ހިމާޔަތަށް އެދިފަ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މި ހަމަލާ ސިފަކުރެއްވީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޓޯޕީޑޯއެއް ބޭނުންކޮށްގެން ދުޝްމަނުންގެ މަނަވަރެއް ފައްތާލި ފުރަތަމަ ފަހަރުގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ