ތެލުގެ އަގު ހެޔޮކުރުމަށް ރަޝިޔާގެ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަން ވިސްނަނީ

އީރާނާ ގުޅުންހުރި ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށްޓަކައި، ރަޝިޔާގެ ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ރައްކާކޮށްފައިވާ ސާފުނުކުރާ ތެޔޮ ބާޒާރަށް ނެރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުންގެންދަވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާ މައި މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ނުރައްކާވެފައިވުމުން، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން ދަނީ ތަފާތު ފިޔަވަޅުތަކެއް މުރާޖައާ ކުރަމުންނެވެ.
ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ، ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި ބައެއް ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދެވިދާނެ ކަމަށެވެ.
"ބައެއް ގައުމުތަކަށް އަޅުގަނޑުމެން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެބަހުރި. ކަނޑުއޮޅި ހުޅުވެންދެން އެ ފިޔަވަޅުތައް އަޅުގަނޑުމެން ނަގާނަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޖީ7ގެ ގައުމުތަކާ ގުޅިގެން ސްޓްރެޓީޖިކް ރިޒާވްތަކުން ތެޔޮ ނެރުމާ މެދު ވެސް އޮފިޝަލުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ކަށަވަރުކޮށްދެއްވި ގޮތުގައި، ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވުން ތެޔޮ ވިއްކުމާ މެދު ސަރުކާރުން ދަނީ ވިސްނަމުންނެވެ. ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ސަޕްލައި މެދުކެނޑިދާނެ ކަމުގެ ބިރަށްޓަކައި، ތެލުގެ އަގު އިއްޔެ ފީފާއަކަށް 119 ޑޮލަރަށް އުފުލުނެވެ. މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށް ފަހު އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އިގްތިސާދީ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުތަކަށް ދަތުރުފަތުރު ނުކުރެވޭ ނަމަ، އަގު ދަށްކުރުމަށް ވައިޓް ހައުސްއަށް ކުރެވޭނެ ކަންކަން ވަރަށް މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ