އިސްތިއުނާފުކުރަން ވެލެންސިއާ އަށް ލިބުނު ފުރުސަތުގައި އެ ކްލަބުން ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދީފައިވަނީ ސައްހަ ނޫން މައުލޫމާތެއް ކަަމަށް ކްލަބް ވެލެންސިއާ އިން ބުނެފި އެވެ.
މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ފެބްރުއަރީ ފަސް ވަަނަ ދުވަހު، ކްލަބް ގްރީންސްޓްރީޓްސް އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވި މައްސަލައިގައި އެ ކްލަބާ ދެކޮޅަށް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން އަޅާފައިވާ ފިޔަވަޅާ ގުޅޭގޮތުން، އިސްތިއުނާފުކުރަން ވެލެންސިއާ އަށް ލިބުނު ފުރުސަތުގައި އެ ކްލަބުން ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށްވާތީވެ، އިސްތިއުނާފް ބަލައިނުގަންނަން އެފްއޭއެމް އެޕީލް ކޮމިޓީން ނިންމި ކަމަށް އެފްއޭއެމް އިން ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.
ވެލެންސިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރުމަށް ފެބްރުއަރީ 12 ވަނަ ދުވަހު ވެލެންސިއާ އިން އެފްއޭއެމްގައި އެދުނު ކަމަށާއި، އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލައިގައި އިސްތިއުނާފުކުރަން ވެލެންސިއާ އަށް އެއްވެސް ފުރުސަތެއް ދީފައިނުވާ ކަމަށެވެ.
އެ ގޮތުން، ވެލެންސިއާ އިން ވަނީ މައިގަނޑު ހަ ކަމެއް ފާހަގަކޮށްފަ އެވެ. އެއީ، ފެބްރުއަރީ ފަސް ވަނަ ދުވަހު ވެލެންސިއާ އިން ހުށަހެޅި މައްސަލަ އަށް ވަނަ ދުވަހު ނިންމައި، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި ވެލެންސިއާ އަށް ފުރަތަމަ އަންގާފައިވަނީ، އިސްތިއުނާފް ފުރުސަތު އޮތީ ގްރީން ސްޓްރީޓްސް އަށް އެކަނި ކަމަށެވެ. އެކަން ވެލެންސިއާ އިން ފާހަގަކުރިތާ ހަތަރު ގަނޑިއިރު ފަހުން، އެފްއޭއެމްގެ ސިޓީ އަކުން ވެލެންސިއާ އަށް އެންގީ އެ ކްލަބަށް ވެސް އިސްތިއުނާފުުކުރެވޭނެ ކަމަށާއި އެކަމަކު، އެއީ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމަކާ ނުލައި އައި ކަމެއް ކަމުން، އެފްއޭއެމްގެ ނުފޫޒު ޑިސިޕްލިނަރީ ކޮމިޓީ އަށް އޮތް މިންވަރު ހާމަވާ ކަމަށެވެ.
މީގެ އިތުރުން، އެފްއޭއެމްގައި ވެލެންސިއާ އިން ވަނީ، 12 ފެބްރުއަރީގައި އިސްތިއުނާފުުކުރުމަށް ބޭނުންވާ ލިޔެކިއުން ހިއްސާކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު، އެ ލިޔުންތަކުގެ ތެރެއިން، މެޗުގެ ރެފްރީ ރިޕޯޓާއި މެޗު ކޮމިޝަނަރު ރިޕޯޓް އަދި އެފްއޭއެމްގެ އެޕީލް ކޯޑު ދީފައިނުވާ ކަމަށާއި ކްލަބަށް އެފްއޭއެމް އިން އެންގީ އެޕީލް ކޯޑެއް ނެތް ކަމަށް ކަމުގަ އެވެ. އަދި، ވެލެންސިއާ އިން އެދުނު މައުލޫމާތުތަކުގެ ތެރެއިން، ޑިސިޕްލިނަރީ ކޯޑުގެ ދިވެހި، އިނގިރޭސި ކޮޕީ އާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް، އެފްއޭއެމް އިން ވެލެންސިއާ އަށް ދީފައިވަނީ 8 ފެބްރުއަރީން ފެށިގެން ޑިސިޕްލިނަރީ ކޯޑުން އެޕީލް ކުުރުމަށް ލިބޭ ހަތް ދުވަހުގެ މުއްދަތު ފާއިތުވިތާ ދެ ދުވަސް ފަހުން 17 ފެބްރުއަރީގައި ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.
ވެލެންސިއާ އިން ދެން ބުނެފައިވަނީ، މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި، އެފްއޭއެމްގައި ބަހައްޓަން ޖެހޭ 3000 ރުފިޔާ ބަލައިގަންނާނެ ގޮތެއް، ނުވަތަ ޖަމާކުރަން ޖެހޭ އެކައުންޓް ނަމްބަރު ފަދަ އެއްވެސް އަސާސީ މައުލޫމާތެއް އެފްއޭއެމް އިން ފޯރުކޮށްނުދީ މި މައްސަލައިގައި އަަމަލުކޮށްފައިވަނީ ކުރިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ބޭނުންނުވާކަން އަންގައިދޭ ފަދަ ގޮތަކަށް ކަމަށް ވެލެންސިއާ އިން ވަނީ ފާހަގަކޮށްފަ އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ހާޒިރުނުވި މައްސަލައިގައި އެ ޓީމު 50،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަންގައި، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ގްރީން ސްޓްރީޓްސް އަށް ދޭން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމީޓީން ނިންމި އެވެ.
އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ. ވެލެންސިއާ އިން އުއްމީދުކޮށްގެން ތިބީ، ކޮމިޓީން މައްސަލަ ބެލުމަށް ފަހު ގްރީންސްޓްރީޓްސްގެ އަތުން ޕޮއިންޓްތަކެއް އުނިކުރާނެ ކަމަށެވެ. އެހެންވި ނަމަ ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެ، ގްރީންސްޓްރީޓްސް ރެލިގޭޓްވާނެ އެވެ. އެކަމަކު، ކޮމިޓީގެ ނިންމުން ވެލެންސިއާ އިން ބޭނުންވި ގޮތަށް ނާންނާތީވެ، ވެލެންސިއާ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، އެ މައްސަލަ އޭއެފްސީ އާއި ފީފާ އަށް ހުށަހަޅާނެ ކަމަށް ބުނެ، އޭރު ވެލެންސިއާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
ވެލެންސިއާގެ ރޭގެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި އެ ކްލަބަށް ފީފާ އިން އަންގާފައިވަނީ އޭއެފްސީ މެދުވެރިކޮށް މި މައްސަލައިގައި ކުރިއަށްދިއުމަށެވެ.
އެފްއޭއެމް އިން ދީފައިވަނީ ސައްހަ ނޫން މައުލޫމާތެއް: ވެލެންސިއާ އެފްއޭއެމް އިން ދީފައިވަނީ ސައްހަ ނޫން މައުލޫމާތެއް: ވެލެންސިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ