ބައެއް އެކްޓަރުން ތާޕްސީއާ އެކު މަސައްކަތްކުރަން ދެކޮޅުހަދާފައި އެބަހުރި ކަމަށް ބަތަލާ ބުނެފި
ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ފިރިހެން ތަރިން ބަތަލާ ތާޕްސީ ޕަންނޫއާ އެކު މަސައްކަތްކުރަން ދެކޮޅުހަދާކަމަށާއި، އޭނާއަކީ "މަސައްކަތްކުރަން އުނދަގޫ" މީހެއްކަމަށް ބުނެ އަޑުތައް ބައެއް މީހުން ފަތުރަމުންދާކަމަށް ބަތަލާ ހާމަކޮށްފިއެވެ. ދާދިފަހުން ހިންދުންސްތާން ޓައިމްސްގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ތާޕްސީ ބުނީ، ފިލްމުތަކުގައި އަންހެން އެކްޓަރުން ކަނޑައެޅުމުގެ ބާރު ގިނަ ފަހަރަށް އޮންނަނީ ފިރިހެން އެކްޓަރުންގެ އަތުގައި ކަމަށެވެ. ތާޕްސީ ބުނި ގޮތުގައި ބައެއް މީހުން އޭނާގެ މިޒާޖާއި އެއީ ކޮންކަހަލަ ޝަހްސިއްޔަތެއްކަން މާކުރިން ނިންމާފައި ހުރުމުގެ ސަބަބުން، ފުރުސަތެއް ލިބުމުގެ ކުރިންވެސް ބައެއް ފަހަރު އެ ފުރުސަތުތައް އޭނާގެ އަތުން ބީވެގެން ގޮސްފައިވެއެވެ. މިފަދަ ކަންކަން ސީދާ އޭނާއަށް އެނގިފައި ނުވި ނަމަވެސް، ބައެއް މީހުން ތާޕްސީއާ އެކު މަސައްކަތްކުރަން ބޭނުންނުވާ ކަމަށް ބުނެ އެކި ސަބަބުތައް ދައްކާފައި އެބަހުރި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ތާޕްސީ އިތުރަށް ބުނި ގޮތުގައި ގިނަފަހަރަށް އެހެން ދިމާވަނީ ފިލްމުތަކަށް ބަތަލާއިން ނެގުމުގެ ބާރު ފިރިހެން އެކްޓަރުންނަށް ބައެއް ޕްރޮޑިއުސަރުން ދީފައި އޮތުމުގެ ސަބަބުން ކަމަށް ދެކޭ ކަމަށެވެ. ފިލްމު "އައްސީ"ގެ މަންޒަރެއްގައި ތާޕްސީ އަދި އެ ފިލްމުގެ ޑައިރެކްޓަރު އަނޫބަވް ސިންހާ--ފޮޓޯ/ބޮލީވުޑްހަންގާމާ ޝާހްރުކް ޚާނާ އެކު ފިލްމު "ޑަންކީ"އިން ލިބުނު ފުރުސަތާ ގުޅޭގޮތުން ވާހަކަދައްކަމުން ބަތަލާ ބުނީ އެ ފުރުސަތު ލިބުނީ ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އޭނާ އެ ފިލްމަށް ބޭނުންވުމުން ކަމަށެވެ. "އަހަރެންނަކީ މަސައްކަތް ކުރަން އުނދަގޫ މީހެއް ކަމަށް ބައެއް ފަހަރު އަޑުއިވޭ. ނަމަވެސް އަހަރެންގެ ފިލްމުތަކަށް ބަލާލުމުން އެނގޭނީ އަހަރެންނާ އެކު މަސައްކަތް ކުރި ޑައިރެކްޓަރުން އަހަރެން އަލުން ފިލްމުތަކަށް ނަގާފައިވާކަން. މަސައްކަތް ކުރަން އުނދަގޫ މީހަކާއެކު އެގޮތަށް ތަކުރާރުކޮށް މަސައްކަތެއް ނުކުރާނެ، ސަބަބަކީ އެއްވެސް މީހަކު ތަކުރާރުކޮށް މައްސަލަތަކާ ކުރިމަތިލާން ބޭނުމެއް ނުވާނެ،" އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، "އެފަދަ ވާހަކަތައް ދައްކަނީ އަހަރެންނާއެކު މަސައްކަތް ނުކުރާ މީހުން. އެއީ އެމީހުންނަށް އަހަރެން ނޭނގޭތީ ކަމަށް ވެދާނެ. އަހަރެންނަކީ މީހުންގެ ތެރެއަށް މާ ބޮޑަށް ނުކުމެ އުޅޭ (ސޯޝަލް) މީހެއް ނޫން. އެހެންކަމުން އަހަރެންގެ އަސްލު މިޒާޖު އެމީހުންނަށް ހާމަކޮށްދޭން އުނދަގޫވޭ. އަހަރެން ބޭނުންވަނީ އަހަރެންގެ މަސައްކަތުން އަހަރެންގެ ގާބިލުކަން ދައްކަން" ފިލްމު "ތައްޕަޅު"، "ޕިންކް" އަދި "ހަސީން ދިލްރުބާ' ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 20ގައި ރިލީޒްކުރި ކޯޓްރޫމް ޑްރާމާ "އައްސީ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ