ހަނިމާދޫ އެއާޕޯޓު ބަޔަކާ ހަވާލުކުރުމުން މާ ފައިދާވެދާނެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން ބަޔަކާ ހަވާލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވާފައިވަނިކޮށެވެ.
ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެންމެ ބުއްދިވެރި ވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި އެހެން ވިޔަފާރިތައް ވެސް ހިންގުން ކަމަށެވެ. އަދި އެ ޕްރައިވެޓް ސެކްޓާއަކީ ދިވެހި ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅުވާނީ، ހުޅުވާލާފައިވާ ބީލަމަކުން ސަރުކާރަށް އެންމެ ފައިދާ ބޮޑު ބައެއް ހޯދައިގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
"އިތުރަށް ދަރަނިވެރި ވެގެން ލޯނުތައް ދައްކަން އުޅުމަށްވުރެ އަތުގައި ހުރި އެއްޗެއް ކުއްޔަށް ދީގެން އެ ފައިސާ ހޯދިއްޖެ ނަމަ ރާއްޖެއަށް ކުރާނެ ފައިދާ ވަރަށް ބޮޑު ކަމަށް ފެންނަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމަށް އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އެކަމުގެ މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.
މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ