ވިމްބަލްޑަންގައި 100 ވަނަ މެޗުން ޖޯކޮވިޗް މޮޅުވެއްޖެ
ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގައި 100 ވަނަ މެޗުން ސާބިއާގެ ނޯވަކް ޖޯކޮވިޗް މޮޅުވެއްޖެއެވެ. މި ފަހަރުގެ މުބާރާތުގައި ހަވަނައަށް ސީޑު ކުރެވިފައިވާ ޖޯކޮވިޗް ވިމްބަލްޑަން ޗެމްޕިއަންޝިޕްގައި ހޯދި 100 ވަނަ ކާމިޔާބީއަށް ވެގެންދިޔައީ ތިންވަނަ ބުރުގައި އަމިއްލަ ޤައުމަށް ނިސްބަތްވާ މިއޮމީރު ކެޗްމަނޯވިޗްއާ ބައްދަލުކުރި މެޗަށެވެ. މި މެޗު އޭނާ ކާމިޔާބު ކޮށްފައިވަނީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ތިނެއް، ހައެއް ސުމެއް އަދި ހައެއް ހަތަރަކުންނެވެ. ވިމްބަލްޑަން ހަތް ފަހަރަށް ކާމިޔާބު ކޮށްފައިވާ ޖޯކޮވިޗްގެ އިތުރުން މި މުބާރާތުގައި 100 މެޗުން މޮޅުވެވިފައިވަނީ އެންމެ ދެ ކުޅުންތެރިންނަށެވެ. އެއީ އަންހެނުންގެ ބައިން ނުވަ ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވާ މާޓީނާ ނަވްރަޓިލޯވާ އާއި އަށް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ފިރިހެން ކުޅުންތެރިޔާ ރޮޖާ ފެޑެރާއެވެ. ފެޑެރާ އަކީ ފިރިހެނުންގެ ބައިގާ 105 މެޗާއެކު މިވަގުތު ރިކޯޑް އޮތް ކުޅުންތެރިޔާއެވެ. އަދި މި ފަހަރުގެ މުބާރާތް ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް އެ އަދަދު ހަމަނުވާނެއެވެ. އޭރުން ވެސް ޖޯކޮވިޗްއަށް ހަމަކުރެވޭތީ 104 މެޗެވެ. ނަމަވެސް މި މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އޭނާއަށް ގްރޭން ސްލޭމްގެ 25 ވަނަ ތަށި އުފުލާލެވޭނެއެވެ. އެކަން ވެގެންދާނީ މިހާރު ވެސް އޭނާގެ އަތުގައި އޮތް ރިކޯޑް އިތުރަށް ފުޅާކުރެވޭނެ ކަމަކަށެވެ. އެންމެ ފަހުން ޖޯކޮވިޗަށް ގްރޭންޑް ސްލޭމް މުބާރާތަކަށް ކާމިޔާބު ކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ޔޫއެސް އޯޕަންއެވެ. ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ ވިމްބަލްޑަންއަކީ އޭނާގެ އިތުރުން ގިނަ ކުޅުންތެރިންގެ އެންމެ މަޤްބޫލް އެއް މުބާރާތުގެ އިތުރުން ކާމިޔާބު ކުރުމުގެ ހުވަފެން ދެކޭނެ މުބާރާތް ކަމަށެވެ. މި ކާމިޔާބީ އާއެކު ޖޯކޮވިޗް މިވަނީ މި މުބާރާތުގެ ހަތަރު ވަނަ ބުރުން ވެސް ޖާގަ ހޯދައިފައެވެ. ހަތަރު ވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ 11 ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއެވެ. ޑި މިނޯ މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ޑެންމާކްގެ އޮގަސްޓް ހޯލްމްގުރެން އާއި ބައްދަލުކުރި މެޗު ހައެއް ހަތަރެއް، ހަތެއް ފަހެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ