ހަ މަސް ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އޮޕަރޭޝަނަށް ގެންނާނަން: ގާސިމް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ފޯރިގަދަ، ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އައްޑޫ ރައްޔިތުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދެވިފައި ނުވާ ކަމަށެވެ. އެހެންވެ، އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، އައްޑޫ ސިޓީގެ ތަރައްގީ ކުރައްވާނެ ބައެއް ކަންކަން ގާސިމް ވަނީ އިއުލާން ކުރައްވައިފައެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އައްޑު އަށް އަންނާނީ ތަރައްގީ އާއި ރޯޝަނީކަމެވެ.
ގާސިމް ވަނީ ދެކުނުގެ ސަރަހައްދަށް ހާއްސަކޮށްގެން ފަތުރުވެރިކަމުގެ ބޭނުމަށް 1،000 އެނދު ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު ތިނެއް ނޫނީ ހަތަރު ބައިނަލްއަގުވާމީ ފްލައިޓު ޖެއްސޭ ވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހެރެތެރެ ރިސޯޓު ހަދައި، ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރުގެ ކަމުގައި ކަމަށެވެ. ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި، އެކި ސަރުކާރުތަކުން ކޮރަޕްޝަނާއި އިހުމާލުގެ ތެރޭގައި ހެރެތެރެ ވެސް ވިރާނާވެ، އަދި އޭގެ ފަހުން ވިލިނގިލީގައި ހުޅުވި ޝަންގްރިއްލާ ރިސޯޓު ވެސް ނުހިންގި ބަންދުވެގެން ގޮސްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާތް ﷲ އިދާރަކުރެއްވިއްޔާ ޝަންގްރިއްލާ އާއި ހެރެތެރެ ހެދިގެންދާ ތަން ފެންނާނެ. އަދި އޭގެއިތުރަށް ފަސް އަހަރު ހަމަވެގެންދާއިރު، މެދުކެނޑުމެއް ނެތި ދުވާލަކު ތިން ހަތަރު އިންޓަނޭޝަނަލް ފްލައިޓް ޖައްސާތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ގާސިމް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފެންވަރު ރަނގަޅު ހިދުމަތްތައް ނެތުމުގެ ސަބަބުން ބޭސްފަރުވާ ކުރަން އަންނަން ޖެހިފައި ވަނީ މާލެ އަށް ކަމަށް ވިދާޅުވެ، ގާސިމް ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ