މޯލްޑިވްސް ކަސްޓަމްސް އިން ބުނެފައިވަނީ، ކަނޑުމަގުން ރާއްޖެގެނައި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ގަވާއިދާއި ޚިލާފް ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ޖޫން 18 ވަނަދުވަހު މާލޭގެ ކޮމާޝަލް ހާބަރުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރުމުގެ ތެރޭގައި، 15,601 ވޭޕް ކާޓްރިޖް ފެނިފަވާ ކަމަށާއި، އަދި މިތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފަވާކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
މިމައްސަލައާއި ބެހޭ މައުލޫމާތު "ދިޔަރެސް" އާއި ހިއްސާކުރަމުން މޯލްޑިވްސް ކަސްޓަމްސް އިން ބުނެފައިވަނީ، ވޭޕްގެ ޝިޕްމަންޓް ފެނިފައިވަނީ، “ހުސައިން ފަޔާޒް” ނަމަކަށް ކިޔާ މީހެއްގެ ނަމުގައި ޑިކްލެއާ ކޮށްފައިވާ މުދާތަތަކެއްގެ ތެރެއިން ކަމަށެވެ. އަދި މިމުދާތައް ހުރީ އެހެން ބައެއް މީހުންގެ މުދާތައްވެސް ހުރި މިކްސްޑް ކޮންޓެއިނާއެއްގަ ކަމަށްވެސް ކަސްޓަމްސް އިން ދިޔަރެސް އާއި ވާހަކަދައްކަމުން ބުނެފައިވެއެވެ.
މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓުކަން ފާހަގަކުރެވެއެވެ. ކަސްޓަމްސް އިން ވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔަ ވަގުތުގެ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ، ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ހިންގުނު ތަފާތު 3 އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް އަތުލައިގަނެވިފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު 15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ