މާލޭ ބަނދަރުން 15،000 އަށް ވުރެ ގިނަ ވޭޕު ކާޓުރިޖު އަތުލައިގަނެފި

ކަނޑުމަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު 15،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ އަތުލައިގަނެފި އެވެ. 
ކަސްޓަމުން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު ފެނުނު 15،601 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާ ކަމަށެވެ. 
"މި އޮޕަރޭޝަންގައި ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައި. މިގޮތުން ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި،" ކަސްޓަމުން ބުންޏެވެ.
އަތުލައިގަތް ވޭޕް ޝިޕްމަންޓްގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ. 
މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނޮވެންބަރު 15، 2024، ގައި ނިންމި ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން ހިފެހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. 
ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ކަސްޓަމުން ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައި ކަމަށް ކަސްޓަމުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ