އަތޮޅު ކައުންސިލް އުވާލުލުމާ ގުޅި ކުޅުދުއްފުށީގެ ޓްރާންސްޕޯޓް ހިދުމަތް ހުއްޓާލަން ޖެހުމުން އާތިފުގެ ފާޑުކިޔުން

އަތޮޅު ކައުންސިލް އުވާލުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ ޓްރާންސްޕޯޓް ހިދުމަތް ހުއްޓާލަން ޖެހުމުން ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުޅުދުއްފުށި ބްރާންޗުން އިއްޔެ ނެރުނު ދެންނެވުމެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، އެ އޮފީހުން ދެމުން ގެންދިޔަ ޓްރާންސްޕޯޓް ހިދުމަތްތައް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. 
އާތިފް ވިދާޅުވީ އަތޮޅު ކައުންސިލް އުވާލުމާ ގުޅިގެން އެތަންތަނުން ދެމުންދިޔަ ހިދުމަތްތައް ދެވޭނެ އެހެން އިންތިޒާމެއް ނެތް ކަމަށާއި ސަރުކާރުގެ ދޯހޮޅި ސިޔާސަތުގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ރައްޔިތުން ކަމަށެވެ. 
 "މި ސަރުކާރުގެ ކޮށި ވިސްނުމާއި، ދޯހޮޅި ސިޔާސަތުތަކުގެ ސަބަބުން ހުރިހާވެސް ތަކުލީފެއް ރައްޔިތުންނަށްއަތޮޅު ކައުންސިލްތައް އުވާލިއިރު، އެތަންތަނުން ދެމުންގެންދިޔަ ހިދުމަތްތައް ދެވޭނެ އެހެން އިންތިޒާމެއްނެތް،" އާތިފް ވިދާޅުވި އެވެ. 
އަތޮޅު ރައްޔިތުންގެ މާލިއްޔާއަށް އާމްދަނީ ހޯދުމަށް އުފައްދާފައިހުރި ވިޔަފާރިތަކަށް ވާންވީ ގޮތެއް ނުނިންމުން، އަތޮޅު ރައްޔިތުންގެ ނަމުގައި ހުރި ފައިސާއާއި ހަރުމުދާ ރައްޔިތުންގެ ބަހެއްނެތި އަތުލާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ. 
މީގެއިތުރުން އާތިފް ވިދާޅުވީ  އަތޮޅެއްގެ އިދާރީ ހިންގުން ތަރުތީބު ކުރާނެގޮތުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތުމުން، ރަށްރަށުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމަށް އޮތް ހަމައެކަނި ފުރުސަތުވެސް ނައްތާލާފައިވާ ކަމަށެވެ. 
އަތޮޅު ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމަކީ ވިސްނުމެއްކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ  ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުގެ ރަށްރަށުގެ ވެރިންނާއި މަޝްވަރާކޮށް، އެކަން ކުރެވޭނެ ރަނގަޅު ނިޒާމެއް ހޯދާނެ ކަމަށެވެ. 
އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށް، އެ ބަދަލު މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރު ފަހުކޮޅެވެ. އެއާއެކު މި އަހަރުު ބޭއްވި ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުން ނުހޮވާއިރު، ނިމިދިޔަ ދައުރަކީ އަތޮޅު ކައުންސިލްގެ ފަހު ދައުރެވެ. އެއާއެކު ކައުންސިލުތަކުން މިހާރު ޖާވާބުދާރީވާން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ. 
މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނައީ އެކަން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަމުން ދަނިކޮށެވެ.
ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ރުޖޫއަ ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މެއި މަހު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ ބިލު އޭރު ބޭރުކޮށްލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ