ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގޮތަށް އޮޅުން ބޮޅުން އަރާފައި އޮތް ކަންވާރު ބޮޅެއް ގޮތަށް ހީނުކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ހަލީލު އެހެން ވިދާޅުވީ، ޕީއެންސީ ބައިބައިވެއްޖެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ގެއްލި، އެކަނިވެރިވެފައިވާ ކަމަށާއި ޕީއެންސީގެ ލީޑާޝިޕުން އެ މަނިކުފާނު ދުރުކުރަންޖެހޭ ކަަމަށް ވިދާޅުވެފަ އެވެ.
ހަލީލު ވިދާޅުވީ، ނަޝީދުގެ އެ ވާހަކަފުޅަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށާއި ޕީއެއްސީ ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަ ވަމުން ކަމަށެވެ. ޕީއެންސީއަކީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުގެ ކަނޑާއި ބިން އަދި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަލީލު އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ގައުމުގެ އިގުތިސާދު ސިންދަފާތުކޮށް ކުރިއަރުވައި ގައުމު ޖައްސާފައި އޮތް ދަރަނީގެ ދަންތުރައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޕާޓީ ކަމަށެވެ. އަދި މިއީ މާއްދީ އަދި މައުނަވީ ތަރައްގީ ގައުމަށް ގެނައުމުގެ ވިސްނުން އިސްކުރާ ޕާޓީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ޕީއެންސީއަކީ އެމްޑީޕި ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެކޭ ހީނުކުރައްވާތި! މި ޕާޓީގެ އަމާޒު ވަރަށް ސާފު. ސިޔާސަތުތައް އެހާ ސާފު. އަޅުގަނޑުމެން މި ތިބީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންނާ އެކު!،“ ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ހަލީލު، ނަޝީދަށް: ޕީއެންސީއަކީ އެމްޑީޕީ ގޮތަށް އޮޅުންބޮޅުން އަރާފައި އޮތް ކަންވާރު ބޮޅެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ