ހަނގުރާމައަށް ހޭދަވި 80 ބިލިއަން ޑޮލަރު އެމެރިކާގެ ދިފާއީ ވުޒާރާއިން ހޯދަނީ

އީރާނާ ދެކޮޅަށް ކުރި ޣައިރުޤާނޫނީ ހަނގުރާމައަށް 80 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ބުނެފިއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހުން ބައެއް މަސްދަރުތަކާ ޙަވާލާދީ ބުނީ، އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ސްޓީވަން ފައިންބަރގް ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފޯނުން ގުޅުއްވައި އެ މަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށެވެ.
މި ފައިސާގެ ތެރޭގައި ދިފާއީ ވުޒާރާއާ ގުޅުންނެތް ދަނޑުވެރިކަމާއި އަދި ކާރިޘާތަކަށް ދޭ އެހީ ވެސް ހިމެނެއެވެ. މި ސަޕްލިމެންޓަރީ ބަޖެޓު ކުރިއަށް އޮތް ދުވަސްތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފޮނުވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އޭޕްރީލް މަހު ދިފާއީ ވުޒާރާގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވެފައިވަނީ އީރާނު ހަނގުރާމައަށް ގާތްގަނޑަކަށް 25 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއިން ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައަށް ދިޔަ ޚަރަދުގެ ތަފްޞީލާ ގުޅޭގޮތުން ޤާނޫނު ހަދާ މަޖިލީހުގައި ދަނީ ސުވާލު އުފައްދަމުންނެވެ.
މިގޮތުން، ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ދިފާޢީ ވުޒާރާއިން ހޯދަން އެދުނު އިތުރު 200 ބިލިއަން ޑޮލަރު ދިނުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވަރުގަދަ ދެކޮޅުވެރިކަމެއް ކުރިމަތިވެފައިވެއެވެ.
ވައިޓް ހައުސްގެ ބަޖެޓް ޑިރެކްޓަރު ރަސަލް ވޯޓް މިދިޔަ އޭޕްރީލް މަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވިދާޅުވެފައިވަނީ ހަނގުރާމައިގެ ޚަރަދުގެ އެއްވެސް ރަސްމީ އަންދާޒާއެއް ނެތް ކަމަށެވެ.
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން، އެމެރިކާގައި ވެސް ހަކަތައިގެ އަގާއި ތަކެތީ އަގު އިންތިހާއަށް މައްޗަށް ދިޔުމުގެ ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި ވަނީ އިތުރުވެފައެވެ.
މިކަމުގެ ސަބަބުން، އަންނަ ނޮވެމްބަރު މަހު އޮންނަ މިޑް-ޓަރމް އިލެކްޝަނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ