ފުލުހުންނަށް ރިޝްވަތު ހުށަހެޅި މީހަކު ޖަލަށްލުމަށް ހުކުމް ކޮށްފި

މިއަހަރުގެ މާރިޗް މަހުގެ ތެރޭގައި، ރާއްޖޭގެ އުތުރުގެ ރަށެއްގައި މަގުމަތި ޕެޓްރޯލް ކުރަން އުޅުނު ދެ ފުލަހަކަށް، އެރަށު މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވޭތީވެ، ހުއްޓުވައި ބަލާފާސްކުރުމުގެ ތެރޭގައި ރިޝްވަތު ހުށަހެޅިކަމަށް ބުނާ މައްސަލައެއް ތަހުގީގު ކޮށްފައިވެއެވެ. މި ތުހުމަތާ ގުޅިގެން ދައުލަތުން ވަނީ އެ މީހާގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ދައުވާ ލިބުނު މީހާ އަތުން ފެނުނު މަސްތުވާތަކެތި މޫދަށް އެއްލައިދީފިނަމަ، އޭގެ ބަދަލުގައި ފުލުހުންނަށް ފައިސާ ދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލައިގެ ޝަރިއަތުގެ މަޖިލީހުގައި ދައުވާ ލިބުނު މީހާ ވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އޭނާ ވަނީ ކުށަށް އިއުތިރާފުވާތީ، ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބު ދިނުމަށް ކޯޓުގައި އެދިފައެވެ. މައްސަލަ ބެލުމަށްފަހު ކޯޓުން އިއްވި ހުކުމުގައިވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވާތީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ