ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ކުލި މުއްދަތު ހަމަވެގެން ނޫނީ ދައުލަތުން ނަގަން ބޭނުން ވެގެން ނަގާ ނަމަ ބަދަލު ދޭނެ ގޮތުގެ އުސޫލެއް އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ ގެޒެޓުކޮށްފި އެވެ.
އޮޑިޓު އޮފީހުގެ މި އުސޫލަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާ، އެއީ އެރީމެންޓު ބާތިލުވުމުން ނުވަތަ މުއްދަތު ހަމަވުމުން ސަރުކާރާ ރިޒޯޓް ހަވާލުކުރުމާ ގުޅޭ މާއްދާ، ގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ. މި މާއްދާގެ (ށ) ގައި އޮންނަނީ އެއްވެސްަ ހާލަތެއް މެދުވެރިވެގެން ރަށެއް ނަގައިފިނަމަ ބަދަލު ދޭން ޖެހޭނީ މި އުސޫލުގެ ދަށުން ކަމަށެވެ.
ރިސޯޓު އިންވެސްޓުމަންޓުތަކަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ބަދަލުގެ ގޮތުގަައި ފައިސާ ލިބެނީ ކުލި މުއްދަތު ހަމަ ވެގެން ނޫނީ ދައުލަތުން ބޭނުންވެގެން ރަށެއް ނަގާ ނަމަ އެވެ. އުސޫލުގައި އޮތް ގޮތުން، އެއްބަސްވުމާ ހިލާފުވެގެން ރަށެއް ދައުލަތަށް ނަގާ ނަމަ، ބަދަލު ދޭކަަށް ނުޖެހެ އެވެ.
ބަދަލު ދޭއިރު، އޮޕަރޭޝަނަލް ހާލަތުގައި ހުރި ތަންތަނާއި އޮޕަރޭޝަންތައް ހުއްޓާލާފައި ހުންނަ ރަށްތަކުގައި ހުންނަ މުދަލަށް ވެސް ބަދަލު ދެވެ އެވެ. ނަމަވެސް އެ ބަދަލު ދެވެނީ ބަލަށް (ޑިޕްރިސިއޭޝަންއަށް) ކަނޑަން ޖެހޭ އަގު ކެނޑުމަށް ފަހުގަ އެވެ. ބަދަލު ދެވޭ މުދަލާއި ތަކެތީގެ ތަކެތީގެ ތެރޭގައި ހިމެނެނީ:
ބަލަށް ކަނޑަން ޖޭހެ އަގު ހިސާބުކުރުމަށް ފަހު ވެސް، ބާވުމުގެ ސަބަބުން ބޭނުންކުރުން ހުއްޓާލާފައިވާ އަދި މަރާމާތުކޮށްގެން ބޭނުންނުކުރެވޭ މުދަލަށް އަގު ދޭކަށް ނުޖެހެ އެވެ. މަރާމާތުކޮށްގެން ބޭނުންކުރެވޭ ތަކެތީގެ ތެރެއިން ވެސް، ބޭނުންކުރެވޭ ހާލަތަށް ގެންނަން އެ އެއްޗެއްގެ އަންދާޒާ ކުރެވޭ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު އެއްވެސް އެއްޗެއް ބަދަލުގެ އަގުގެ ތެރޭގައި ނުހިމެެނެ އެވެ.
އޭގެ އިތުރުން ބޭނުންކުރެވޭ މުއްދަތު ހަމަވެފައިވާ މުދަލާއި، އައުޓްޑޭޓަޑް މޮޑެލްތަކުގެ މުދަލާއި ފާސްކޮށްފައިވާ ކުރެހުންތަކާ ހިލާފަށް އިމާރާތްކޮށްފަ ހުންނަ ތަންތަން ވެސް ބަދަލުދޭއިރު ނުހިމެނެ އެވެ. އަދި، މުސްތަގުބަލުގައި އެތަނެއްގައި ހިންގާ ރިސޯޓެއްގެ އޮޕަރޭޝަނަށް ބުރޫނާރާނެ ގޮތަށް ރިސޯޓު ހިންގި މީހުން ގެންދަން ބޭނުންވާ ތަކެއްޗަށް ވެސް ބަދަލެއް ނުދެވެ އެވެ.
މިނިސްޓްރީން ބޭނުންނުވާ އަދި ރަސްމީ އިންވެންޓްރީ އާއި އާއި ބަދަލުގެ އަގު ހިސާބުކުރަން ތައްޔާރުކުރާ އިންވެންޓްރީގައި ނުހިމެނޭ ތަކެތި ވިއްކާލަން ނޫނީ އަނބުރާ ގެންދިޔުމުގެ އިހުތިޔާރު ރިސޯޓު ކުއްޔަށް ނަގައިގެން އުޅުނު މީހުންނަށް ލިބެ އެވެ. މިކަން ކުރަން ލިބެނީ 90 ދުވަހުގެ މުއްދަތެކެވެ.
މިހެން ނުގެންގޮސް ހުންނަ ތަކެތި ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރަން ތައްޔާރުކުރާ އިންވެންޓްރީގައި ހިމަނަން ނޫނީ ނީލަމުގައި ވިއްކާލުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ. ނަމަވެސް މި ތަކެތި ވިއްކައިގެން ލިބޭ ފައިސާ ރިސޯޓު ކުއްޔަށް ނަގައިގެން އުޅުނު މީހުންނަށް ރައްދުކުރަން ޖެހެ އެވެ. މި ފައިސާގެ ތެރެއިން މިނިސްޓްރީއަށް ނެގެނީ އެ ތަކެތި ވިއްކަން ހިނގާ ހަރަދެވެ.
ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރާއިރު، ތަކެތި ގަންނަން ނޫނީ އުފައްދަން ހިނގި އަސްލު ހަރަދާއި، އެއްވެސް މުދަލެއް ރީވެއިލުކޮށްފައިވޭތޯ އާއި މާލީ ބަޔާންތަކުގައި ހުރީ ކޮން މައުލޫމާތެއްތޯ އާއި ބޭނުންކޮށްފައިވާ ރޭޓުތަކަކީ އިންޑަސްޓްރީ ސްޓޭންޑާޑް ރޭޓުތަކެއްތޯ ބަލައި، އެކަންކަމަށް ރިއާޔަތްކުރަން ޖެހެ އެވެ. މި އަގު ހިސާބުކުރާނެ އޮޑިޓަރަކު އައްޔަނުކުރަނީ އޮޑިޓު އޮފީހުންނެވެ.
ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ބަޔަކަށް ފައިސާ ދޫކުރެވެނީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަގު އޮޑިޓާ ޖެނެރަލް އޮފީހުން ކަނޑައެޅުމުންނެވެ.
ރާއްޖޭގައި މިހާތަނަށް ކުލި މުއްދަތު ހަމަވެގެން އެއްވެސް ރިސޯޓަކަށް ބަދަލު ދިން ކަމެއް އާންމުކޮށް އެނގޭކަށް ނެތެވެ.
މުދަލާއި ތަކެއްޗަށް ބަދަލު ދީފައި ރިސޯޓު ރަށްތައް ނަގާނެ އުސޫލު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ