އެމްޑީޕީގެ ވިސްނުމާއި ކޯލިޝަންގަ ހިމެނޭ އެހެން ޕާޓީތަކާ ބައެއް ފަހަރު ތަފާތު: މެމްބަރު ޔާސިރު

ކަންކަން ނިންމުމުގަ އެމްޑީޕީގެ ވިސްނުމާއި ކޯލިޝަންގަ ހިމެނޭ އެހެން ޕާޓީތަކާ ބައެއް ފަހަރު ތަފާތުވާ ކަމަށް ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ކޯލިޝަން ހަދައިގެން ސަރުކާރު ހިންގުމުގަ ރައީސް ސާލިހަށް އޮތް ދަތިތަކާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޔާސިރު ވިދާޅުވީ 2018 ވަނަ އަހަރުގެ ސަރުކާރުން ވެރިކަމަށް އައީ ކޯލިޝަން ހަދައިގެން ކަމަށާއި ވެރިކަމުގެ 40 އިންސައްތަ ހިއްސާ ކުރަނީ އެމްޑީޕީން ކަމަށެވެ.
އިތުރު އެހެން ޕާޓީތަކާއެކު ވެރިކަން ކުރާއިރު ދަތިތަކެއް ހުރެދާނެކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހިންގާއިރު އެމްޑީޕީ ބޭނުންވާ ސްޕީޑުގަ ނުވަތަ ކުރަން ބޭނުންވާ ބައެއް ކަންކަން ނުކުރެވިދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
މެމްބަރު ޔާސިރު ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ފުރުސަތުދީފަ އޮތީ ވަރަށް ބޮޑުކޮށް ކަމަށާއި އެގޮތުން އެހެން ޕާޓީތަކަށް 60 އިންސައްތަ ދީފައިވާ ކަމަށެވެ.
އަދި މަޖިލީހުގަ އެންމެ ގޮނޑިއެއް ނެތް ޕާޓީތަކަށްވެސް 20 އިންސައްތަ އެމްޑީޕީން އޮތީ ދީފައިކަން ފާހަގަކުރައްވާ ޔާސިރު ވަނީ ހަގީގަތުގަ އެހާ ބޮޑު އިންސައްތައެއް އެހެން ޕާޓީތަކަށް ދޭން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކޯލިޝަން ހަދަން މަޖުބޫރުވީ އޭރުގެ ހަލަތަށް ބަލާއިރު އެ ނޫންގޮތެއް ނެތިގެން ކަމަށާއި އެގޮތުން ހައްޔަރުކޮށްފަ ތިބި ލީޑަރުންނާއި ރައްޔިތުން ބިރުވެރިކަމުން ސަލާމަތްކުރަން ކަމަށްވެސް މެމްބަރު ޔާސިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ