ރައްޔިތުންގެ ހައްގުގައި ވާހަކަދައްކަނީ ޕީއެންއެފްގެ 'ހާލިން' އެކަނި ކަމަށާއި ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް އެ ހާލިން އުފަންވެދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެެވެ.
ވީ ކިހިނެއް؟ - މިރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވާހަކަދައްކާ ހަމައެކަނި ޕާޓީ އަކީ އެ މަނިކުފާނުގެ ޕާޓީ ކަމަށާއި އެއީ ލަދުވެތިވާ ކަމެއް ނޫން ކަމަށެވެ.
ތަފްސީލް - އަމިއްލަ ގެކޮޅުގައި ޕާޓީ އޮފީސް ހައްދަވައިގެން އެ ތަނުގައި ހަފްތާއަކު ދެ ފަހަރު ބާއްވާ ޖަލްސާތަކަށް ފާޑުކިޔާތީ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެ ޕާޓީގެ ޕޯޑިޔަމްގައި ނޫނީ ރައްޔިތުންގެ ހައްގުގައި ވާހަކަ ނުދައްކަވާ ކަމަށެވެ.
"އިހައް ދުވަހު އަޅުގަނޑާ ނޫސްވެރިއަކު ސުވާލު ކުރެއްވި މި ހާލިން ބޭރަށް ނުކުންނަން ވެއްޖެތޯ؟ މިހާލިން ނޫނީ އެ ކަމެއް ނުކުރޭ. [ރައްޔިތުންގެ އަޑު ނީއްވާ]،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ހާއްޔަކީ އެއްޗެހި ވިއްސަން ބޭނުންކުރާ ވެށި ކަމަށާއި އެ މަނިކުފާނުގެ 'ހާލީގައި' މި ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް އުފަންވެދާނެ ކަމަށެވެ.
"އަދި މި ސަރުކާރު ވައްޓާލާ ވަރުގެ ފަނިތައް ވިހާނީ ވެސް ހާއްޔެއްގެ ތެރެއިން. އެހެންވީމާ މިފަދަ ހާއްޔެއް ނެތް އެއްވެސް އެހެން ތަނަކު. މިފަދަ ހާއްޔެއް އަޅުގަނޑުމެންނަށް ނުފެނިގެން މި އުޅެނީ އެއްވެސް އެހެން ތަނަކުން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފުން އޮތީ ރައްޔިތުންގެ ފަޅީގައި ކަމަށާއި އެއީ ފަހުރެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެކަމާ ލަދުވެތިވާންޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން މިރޭ ވެސް ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަދައްކަވައިފަ އެވެ. މީގެ ކުރިން ވެސް ޕީއެންއެފްގެ ޖަލްސާތަކުގައި އެ މަނިކުފާނު ވަނީ މިފަހުން ސުޕްރީމު ކޯޓުގެ ބެންޗަށް ގެނައި ބަދަލުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.
"އަލީ ރަޝީދު އެ އިންނެވީ ސުޕްރީމު ކޯޓުގެ ބެންޗުގައި. އެންމެ މަތީ މަރުހަލާގައި ރައްޔިތުންގެ މައްސަލަތަކަށް ފައިސަލާކޮށްފައި ބަސް ބުނަން އިން ފަނޑިޔާރެއް އެއީ. އެ ފަނޑިޔާރު ދަށު ކޯޓުގައި ހުރެގެން އެއްވެސް ހެއްކެއް ނެތި، ޖެހިލުމެއް ނެތި ހުކުމް ކުރި ފަނޑިޔާރަކަށް އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭހެއްޔޭ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުގެ ބެންޗުގައި އޭނާ އިންނަން؟،" ޔާމީން ސުވާލު އުފެއްދެވި އެެވެ.
އެނގުން މުހިންމު - ގއ. ވޮޑުމުލާ މައްސަލާގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އޭރު އެ ކޯޓުގެ ގާޒީ އަލީ ރަޝީދެވެ. އޭގެ ފަހުން އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.
ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް ޕީއެންއެފްގެ ހާލިން އުފަންވެދާނެ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ